ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ނުބައި ތާރީހެއް ޖެހިފައި އޮތުމުން، ގްރީން ޓެކްސް ނެގުން މެދުކެނޑިއްޖެއެވެ.
މިދިޔަ ޖޫން މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި، ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ބުނެފައި ވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން މިހާރު އެ ގާނޫނުގައި އޮތް ގޮތުން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ގްރީން ޓެކްސްއެއް ނުނެގޭނެއެވެ.
އެނގިފައިވާ ގޮތުގައި އަންނަ އަހަރު ގްރީން ޓެކްސް ނަގާ ގޮތަށް ޖެހިފައި ވަނީ، ޑްރާފްޓުގައި އޮތް އިދާރީ އޮޅުމެއްގެ ސަބަބުންނެވެ. އަދި އެކަން ހައްލުކުރުމަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އާބިލެއް ހުށަހެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަކަންވެސް އެނގިފައިވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން މި އަހަރުގެ ޖޫން މަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ 4.8 ޕަސަންޓަކީ ގްރީން ޓެކުހެވެ. އެ މުއްދަތުގައި ގްރީން ޓެކުހުން ދައުލަތަށް ވަނީ 547 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން، ގްރީން ޓެކްސްއިން ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީން 300-400 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބެލެވެއެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކާއި ދުވާލަށް ހަ ޑޮލަރެވެ. ރަށްރަށުގައި ހަދާފައިވާ 50 ކޮޓަރިއަށް ވުރެ ކުދި ތަންތަނުން ނަގާނީ ތިން ޑޮލަރެވެ.