ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ހުސައިންއެވެ. އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިމްރާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން މިއަދު ބުނީ، އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އަލިފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 5.50 ހެކްޓަރުގެ ބިން ހިއްކުމާއި 2،871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ރަންވޭއަކާއި އޭޕްރަންއަކާއި ޓެކްސީވޭއަކާއި ފަޔާ ޕެޑަކާއި މަގުތައް ހެދުން ހިމެނެއެވެ.
އަދި އެއާފީލްޑް ލައިޓިން ސިސްޓަމެއް ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި އަލިފާން ނިއްވާ އިކުއިޕްމަންޓް ހަރުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 451.61 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު