އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަށަަވަރުކުރުމަށް އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ފޮނުވާފައިވާ ކަމަށާއި ސާލިމަށް ކުރީ ނިހާއީ ހުކުމެއްތޯ ކަށަވަރު ކުރުމަށް ހައިކޯޓަށް ފޮނުވީ ކުރިމިނަލް ކޯޓުން ކަމަށެވެ.

ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވުމުން ކުރިމިނަލް ކޯޓުން ސާލިމުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި އެ ހުކުމުގައި ވަނީ މަހުމޫދުގެ ހުރިހާ ވާރިސުން، އޭނާގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސާލިމް މެރުމަށް ހުކުމްކުރާ ކަމަށެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން، މަރުގެ ހުކުމް ކޮށްފައިވާ މީހަކު އެ ހުކުމް އިސްތިއުނާފު ނުކުރާ ނަމަ އެއީ ނިހާއީ ހުކުމެއްތޯ ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހަޅަންޖެހެއެވެ.