ފަރުވާއަށް ބަލި މީހަކު މާލެއަށް ނުގެންދެވި، ލަސްވަމުންދާތީ، މަންތާ އެއާލައިނާ ދެކޮޅަށް ދ. ކުޑަހުވަދޫ އެއާޕޯޓް ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކްރީ މިރޭ "ވަން" އަށް ވިދާޅުވީ، މިއަދު މެންދުރު ހާޓް އެޓޭކެއް ޖެހުނު މީހަކު އަވަހަށް މާލެ ފޮނުވާލަން ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.
ނަމަވެސް ދާލު އެއާޕޯޓަށް ދަތުރުކުރާ މަންތާ ފްލައިޓަކީ ބަލި މީހުން އަރުވާ ސްޓްރެޗާ، އެރުވެން ހުންނަ ފްލައިޓަކަށް ނުވާތީ، ބަލި މީހާ މާލެ ފޮނުވާލުމުގެ އިންތިޒާމް ހަމަނުޖެހި ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މަންތާގެ ފްލައިޓްތަކަކީ ސްޓްރެޗާ އެރުވޭ ގޮތަށް ހުންނަ ފްލައިޓްތަކެއް ނޫން. އެހެންވެ އާސަންދައިން މަންތާ ފްލައިޓްގައި ބަލި މީހުން މިހާތަނަށް އުފުލާފައެއް ނުވޭ. ކައުންސިލުން މަންތާއާ ބައްދަލުކުރުމުން މަންތާއިން މައުލޫމާތު ދެއްވާފައިވަނީ، ސީޕްލޭން ފްލައިޓެއްގައި ފްރޮޅު އަޅުވައިގެން ބަލި މީހުން އުފުލުމަށް ހާއްސަ ފްލައިޓެއް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް ސަރުކާރުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް،" ފިކްރީ ވިދާޅުވިއެވެ.
އިބްރާހީމް ފިކްރީ ވިދާޅުވީ، ބަލި މީހާ މާލެ ފޮނުވުމުގެ މަސައްކަތް އާސަންދައާ ގުޅިގެން ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ.
"މުޅި އަތޮޅު މި އޮންނަނީ މި އެއާޕޯޓު އަތޮޅު އެންމެނަށް ހިދުމަތްދޭން. ބަލި މީހުން ފަރުވާއަށް މާލެ ނުގެންދެވުން އެއީ އަބަދުވެސް ހިނގާކަމެއް މި އަތޮޅުގަ،" އިބްރާހީމް ފިކްރީ ވިދާޅުވިއެވެ.
މަންތާއިން ބަލި މީހާ މާލެ ނުގެންދެވި ގިނަ އިރުތަކެއްވުމުން، ރަށުގެ ރައްޔިތުން އެ އެއާލައިނާ ދެކޮޅަށް އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
"ދެން ރައްޔިތުންގެ ހިތްހަމަ ނުޖެހުން އޮތީ މަންތާ ފްލައިޓުން އެމީހާ ނުގެންދެވިގެން. ނަމަވެސް އަޅުގަނޑު މަންތާއަށް ގުޅުމުން އެބޭފުޅުން ބުނީ އެކަމުގެ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުންވެސް އަދި އާސަންދައިންވެސް ފޮނުވާފައެއް ނެތް ކަމަށް. އެބޭފުޅުން ބުނީ މައުލޫމާތު ފޯރުކޮށްދިން ނަމަ އެހެން ގޮތެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރެވުނީސް ކަމަށް. މިސާލަކަށް ސީޕްލޭނުގައިވިޔަސް ގެންދަން. އެކަން އެނގުނީ މުޒާހަރާ ކުރަމުންދާތީ ކަމަށް އެބޭފުޅުން ބުނީ،" ފިކްރީ ވިދާޅުވިއެވެ.
ދާލު އެއާޕޯޓަށް ދަތުރުކުރަނީ މަންތާ އެއާލައިނުން އެކަންޏެވެ. މީގެ ކުރިން މޯލްޑިވިއަން އިންވެސް އެ އެއާޕޯޓަށް ދަތުރުކުރިއެވެ.
އިބްރާހީމް ފިކްރީ ވިދާޅުވީ، އިހުތިޖާޖު ކުރަމުންދަނީ ދައުލަތުން އެތަކެއް އަހަރެއް ވަންދެން އަޅާނުލާ އޮތް ސީރިއަސް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ކުރީގެ ކައުންސިލުންނާއި އަދި މިހާރުގެ ކައުންސިލުން ވެސް ދައުލަތުގެ ކަމާގުޅޭ އިދާރާތްތަކާ ގުޅިގެން ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަޝްވަރާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
މަންތާ އެއާލައިނާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދާ މީހުން ގޮވާލަމުންދަނީ އެ އެއާލައިނަށް އެ އަތޮޅަށް ދަތުރުނުކުރެވޭ ގޮތް ހަދައި ދިނުމަށެވެ.
"މީހަކު ބަލިވުމުން ނުއުފުއްލޭ އެއާލައިނެއް ކުޑަހުވަދޫގަ،" އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދިޔައެވެ.
އިހުތިޖާޖުގެ ބައިވެރިން ދަނީ ކުޑަހުވަދޫ އެއާޕޯޓު ކައިރީގައި އަޑުއުފުލަމުންނެވެ. އަދި ވަނީ އެއާޕޯޓުގެ ދޮރު ކުރިމަތީގައި އެތަނުގެ މުވައްޒަފުންނަށް ބޭރަށް ނުދެވޭ ގޮތަށް ވަޅުގަނޑެއް ވެސް ކޮނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު