ޚަބަރު

އަހަނދާއި ގަޓުމުއާއަށް އެހެން ބަޔަކު މެދުވެރިކޮށް ރިލްވާން މަރާލުމުގެ ދައުވާ!

މުހައްމަދު އިޝާން

އެހެން ބަޔަކު މެދުވެރިކޮށް ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލިކަމުގެ ދައުވާ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށްކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އަހަނދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.

ގަޓު މުއާ އަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.

މީގެ އިތުރުން އިސޫގެ މައްޗަށް ޕީޖީން ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ ކަމަށެވެ.

އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލަ އާއި ސ. ފޭދޫ/ ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގައި މަރު ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން ގަޓު މުއާ އާއި އާއި އަހަނދު ހައްޔަރު ކުރީ ހުސްވި ޖޫން މަހުގެ 26ގައެވެ.