ރިޕޯޓް

އަލަތުކައިވެނީގެ ދެމަފިރިންނަށް ލ. އަތޮޅުގެ އާދަކާދައިން ކީ މަރުހަބާ، ޖަޑިބުންނަކީ މައިދައިތައާއި ބަފައިބެ!

މަރިޔަމް ޝަފާ އިބްރާހިމް

ޖުލައި މަހުގެ 20ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި އަލަތުކައިވެނީގެ ހަފުލާ ބޭއްވުމަށްފަހު، ގަލޮޅު އެތޫމާވިލާ، ފަރީހީ އަލީ (21އ) އާއި ލ.މާބައިދޫ، ވާރޭވިލާ، ރާފިއު މުހައްމަދު (23އ) އަލަށް ބިންގާ އެޅި ޒަވާޖީހަޔާތުގެ ފެށުމުގެ، މާމުއިހަނދަށް، ރާއްޕެގެ ރަށަށް ދިޔައީ ފަހަރެއްގައިވެސް މިހާވަރުގެ އުފާވެރި ރަސްމިއްޔާތެއް އޮތްކަމަކަށް ނޫނެވެ. ކޮންމެވެސް ވަރެއްގެ މަރުހަބާ ކިޔުމެއް އޮންނާނެކަން އެެނގިފައި އޮތް ނަމަވެސް މިފަދަ ބޮޑު ރަސްމިއްޔާތެއް ބާއްވައި، ރަށުގެ އެންމެންގެ ލޯތްބާއި ހެޔޮ އެދުމާއެކު، އެހާ ހޫނު މަރުހަބާއެއް ކިޔާނެކަމަކަށް އެއްވެސް ވަރަކަށް އެމީހުން ހިއެއް ނުކުރެއެވެ.

"ވަރަށް ބޮޑަށް އުފާވި. ދުވަހަކުވެސް ރަށްފުށުގެ މިކަހަލަ ކަމެއް އަނެއްހެން ފެނިފަ ނެތީމަ އަދި މިހާރު އެތައް ބަޔަކު އެކަމަށް ތާއީދުކޮށް އުފާވެރި ބަސްތައް ބުނާތީވެސް ވަރަށް އުފާވޭ." މިކައިވެނީގެ އަލަތު އަނބިމީހާ ފަރީހީ އަލީ، (ފަރޫ) އޭނާގެ އިހުސާސްތައް 'ވަން'އާ ހިއްސާކުރަމުން ބުންޏެވެ.

ފަރޫ ކިޔައިދިން ގޮތުގައި އޭނާއާއި ރާއްޕެއާ ދެމީހުން އެކުގައި ތައުލީމީ ހަޔާތް ވޭތުކޮށް، އެކަކު އަނެކަކު ދަންނަތާ ފަސްއަހަރަށްފަހު ޒަވާޖީ ހަޔާތެއް ފެށީ އެކުގައި އުޅުމަށް ބޭނުންވެގެން ވަރަށް ލޯބިވާތީއެވެ. ފިރިމީހާގެ އާއިލާއާ ބައްދަލުވެ، މާމުއި ހަނދުގެ ދުވަސްތައް އެރަށުގައި ހޭދަކޮށްލުމަށް ދެމީހުން ރާވައިގެން ރަށަށް ދިޔައީ ޗުއްޓީ ނަގައިގެންނެވެ.

"މިއީ ލާމުއަތޮޅުގެ ސަގާފީ ހަރަކާތެއް. އާދަކާދައެއް." ރަށު ތެރޭގައި މިފަދަ ސަގާފީ ކަންތައްތަކާއި އެހެނިހެންވެސް ކަންތައް ހިންގައި ކުރިއަރުވައި އުޅުމުގައި ހަރަކާތްތެރިވާ އިސް ފަރާތެއް ކަމަށްވާ، 'އެލްޓަން ނަސީ "ވަން" އަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.

ލ. އަތޮޅުގެ ރަށެއްގެ ކުއްޖަކާ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގެ ކުއްޖަކާ ކައިވެނި ކުރިޔަސް އެއަތޮޅުގެ ޒަމާންވީ ސަގާފަތާއި އާދަކާދައިގެ ގޮތުން އަންހެންކުއްޖާ ފިރިހެން ކުއްޖާގެ ގެޔަށް ގެންދެއެވެ. ގެންދަނީ ބެރުޖަހައި ލަވަކިޔައި އުފާފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިންނެވެ. މި ހަރަކާތުގައި ހިމެނޭ އަނެއް ކަމަކީ އަންހެންކުއްޖާ ކަރުގައި އެ އަޅުވާ އެކިކަހަލަ ފަތިތަކެވެ. އޭގެ ތެރޭގައި ހާއްސަކޮށް ހުންނަނީ ރަށުން ލިބެން ހުންނަ އެކިކަހަލަ މާތަކުން ތައްޔާރުކޮށްފައި ހުންނަ މާފަތިތަކާއި ރުފިޔާ ފަތިތަކެވެ. ރުފިޔާ ފަތިތައް ގިނަވެގެން ގޮސް އެ އަންހެން ކުއްޖާގެ ކަރު އޮންނަނީ ފުރިފައެވެ. މިކަން ކުރުމުގައި އިސްކޮށް ތިބެނީ ފިރިހެން ކުއްޖާގެ މަންމަ އާއި ބައްޕައެވެ. ދެން މި ހަރަކާތުގައި ބައިވެރިވާ ހުރިހާ އަންހެނުންނެވެ. މި ކަމަކީ ޒަމާނުންސުރެ މި އަތޮޅުގައި އޮންނަ ސަގާފަތެކެވެ.

ލ. އަތޮޅު ކައުންސިލުގެ ރައީސް، އިސްމާއިލު އަލީ މައުލޫމާތު ދެއްވި ގޮތުގައި މިއީ ޒަމާނުއްސުރެ ލ. އަތޮޅުގެ ހުރިހާ ރަށެއްގައިހެންވެސް ކައިވެނީގެ ރަސްމިއްޔާތު އަދާކުރެވޭ ސަގާފީ ގޮތެކެވެ. ބައެއް ރަށްރަށުގައި ވަރަށްވެސް ފުރިހަމައަށް މުޅިރަށުގެ އެންމެހައި ރައްޔިތުން އެކުވެގެން މިރަސްމު އަދާ ކުރާކަމަށްވެއެވެ. އެންމެ ވަރުގަދައަށް މިގޮތަށް ކައިވެނީގެ ރަސްމިއްޔާތު، އެއްގެއިން އަނެއްގެއަށް އަނބިމީހާ ގެންދިއުމާއި ފަރިވަޅު ދިނުމާއި ކެއުމުގެ ހަފުލާއާއި އެދޭ ސިޓީއުރަ ހަދިޔާ، އަދި ކަރުގައި ފައިސާއާއި މަލުގެ ފަތިތައް އެޅުވުންފަދަ ކަންތައްކުރާ ރަށްތަކުގެ ތެރޭގައި މާބައިދޫއަކީ ފާހަގަ ކޮށްލެވޭ ރަށެއް ކަމަށްވެއެވެ.

ލ. ހިތަދޫއާއި ގަމަކީވެސް ފާހަގަ ކޮށްލެވޭހާ ކުލަގަދަކޮށް ކައިވެނީގެ މިފަދަ ރަސްމިއްޔާތު ބާއްވާ ދެރަށް ކަމަށްވާއިރު، އިސްދޫ، ކަލައިދޫ އަދި ލ. އަތޮޅުގެ އެހެން ރަށްރަށުގައިވެސް އެކި ފެންވަރުގައި މިފަދަ ކައިވެނިތައް ބޭއްވޭކަމަށް އަތޮޅު ކައުންސިލު ރައީސު އިސްމާއިލު އަލީ ވިދާޅުވިއެވެ.

މިފަދައިން ކައިވެނިކޮށްގެން، ފިރިމީހާގެ އާއިލާއިން، އަނބިމީހާގެ ގެއަށް ގޮސް، ވަކި އިއްޒަތެއްގައި، އުފާ ފާޅުކުރުމާއެކު އަނބިމީހާ އޭނާގެ ގެއަށް، އާދެ ފިރިމީހާގެ ގެއަށް ގެންދިއުމުގެ ސަގާފީ މިއާދަކާދައަކީ ހަމަގައިމުވެސް ރަށެއްގެ ގިނަ ރައްޔިތުން އެކުވެގެން ކުރާއިރު، އެކަކު އަނެކަކާ ދެމެދުގައި ގާތްކަމާއި އަހުވަންތަކަމާއި އެއްބައިވަންތަކަމުގެ ޖޯޝާއި ފޯރި ވަކިހިއްޕާލާފައިވާނެ ކަމެއްކަން ގައިމެވެ. އެހެންކަމުން މިފަދަ ސަގާފީ އާދަކާދަ ދިރުވައި އާލާ ކުރުމަކީ އެއްވެސް ހާލެއްގައި ވަކި ހިސާބެއްގެ ވަކި ބަޔަކު ކުރާ ވަކި ކަމަކަށް ތަބާވުމަށް ކުރާ ކަމެއްގެ ގޮތުގައި ހީ ކުރުމަކީވެސް ގޯހަކަށް ވެދާނެއެވެ.

ކައިވެނި ކޮށްގެން ޒަވާޖީ ހަޔާތެއް ފަށާ ދެމަފިރިން މިކަމާމެދު އެއްވެސް ކަހަލަ ހިތްނުތަނަވަސް ނުވަތަ އުނދަގޫ ވާ ކަހަލަ ގޮތެއް ވާކަމަކަށް ނުބުނެއެވެ. އެދެމަފިރިން ތިބީ ނުހަނު އުފާވެފައެވެ. ރަށުގެ އެންމެނަށްވެސް ޝުކުރުވެރިވެއެވެ.

ޖުލައި މަހުގެ 29ވަނަ ދުވަހު ހަވީރު 4:45ހާއިރު ލ. މާބައިދުއަށް ފޭބި ވަގުތު، ފަރޫއާއި ރާއްޕެއަށް ގަދަފަދަ، ހޫނު މަރުހަބާއެއް ކިޔައި، އަލަތުއަނބިމީހާ، އާއިލާގެ ޅީދަރިފުޅު، ގެއަށް ގެންދިއުމަށް، ރާއްޕެގެ މަންމައާއި ބައްޕަ، އާދެ ފަރޫގެ މައިދައިތަމެން ރަށުގެ އެތައް ބަޔަކާއެކު ގޮސް ތިއްބެވެ. ފަރޫގެ ކަރުގައި އަޅުވަން ފެށި މާފަތިތަކާއި ރުފިޔާފަތިތަކުން އޭނާގެ މުޅިކަނދުރާއިން ބަނޑާއި ހަމަޔަށް ފޮރުވިގެން ދިޔައިރުވެސް ހުއްޓާލާކަށް ނޫޅެއެވެ. ބެރުޖަހައި ލަވަކިޔަމުން، ޅީދަރިފުޅު ގޮވައިގެން ގެއާ ދިމާއަށް މިސްރާބު ޖެހިއިރު، ރަށުގެ އެތައް ބަޔަކު މިކަމުގައި ބައިވެރިވެގެން އުޅުނެވެ.

މިމަރުޙަބާ ކިޔުމުގެ ހަރަކާތް ފެށުނީ ރަށުގެ ބަނދަރު ސަރަހައްދުންނެވެ. ބަނދަރު ސަރަހައްދުން ފެށިގެން ފިރިހެން ކުއްޖާގެ ގެއަށެވެ. "ގެންދާނަމޭ މަންޖެ ގެންދާނަމޭ މައިދައިތަމެން މިތިބީ ބަލައިއައިސް!" މިފަދައިން ލަވަކިޔަމުން، ނަށަމުން، އުފަލުގެ ނައުރާ ކުރަމުން ގެންދިޔައީ މުޅިރަށް އެކުގައި ކަހަލަ ގޮތަކަށެވެ. މިއީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މިސާލެއްވެސްމެއެވެ.

ބަނދަރުން ފެށިގެން ގެއާއި ހަމަޔަށް ގެންދިއުމަށްފަހު، އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން ހަދިޔާ ސިޓީއުރަތަކެއް ލިބުނުކަމަށް ފަރޫ ކިޔައިދިނެވެ. އޭގެ ފަހުގައި ދެން އޮތީ ފަރިވަޅެއް ދިނުމެވެ. އޭގައި ބޮނޑިބަތާއި އެފާޑުގެ ކާތަކެތި ހުއްޓެވެ. އެއީ މަލާފަތެއް ކަހަލަ އެއްޗެއްކަމަށް ފަރޫ ބުންޏެވެ. އެންމެ ފަހުގެ ކަމަކަށް އޮތީ އެންމެނަށް އޮތް ސަޔަކާއެކު އޮތް ބިލެތް މީރުކޮށްލުމެކެވެ.

"މީ މިއަތޮޅުގެ ސަގާފީއާދައެއް، ވަރަށް އުފާވޭ މިކަހަލަ ރަސްމިއްޔާތެއް ބޭއްވީތީ. ބައެއް މީހުން ސޯޝަލް މީޑިޔާގައި ވަރަށް ފާޑުފާޑުގެ ކޮމެންޓްތައް ކޮށްފައި ހުރިތަން ފެނޭ. "ޑައުރީ، ދަހޭޖް" ފަދަ އެއްޗެއް ކަމަށް ބުނެ ލިޔެފައިވެސް ހުރި. އެކަމަކު އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ އެއީ އެކަހަލަ ކަމެއް ނޫން. އެއީ އާއިލާއާއި ހަފުލާގައި ބައިވެރިވި އަންހެނުންގެ ފަރާތުން އަލަށް ކައިވެނިކުރި އަނބިމީހާއަށް މަރުހަބާ ކިޔައި ދިން ހަދިޔާއެއް. އެއްވެސް ހާލެއްގައި އެއްވެސް އާއިލާއަކަށް އެކަން ކުރުމަކީ "ކޮންމެހެން ކުރަންޖެހޭ" ކަމެއް ނޫން."

މިކައިވެނީގެ އަލަތުއަނބިމީހާ ފަރޫ އަދި ފިރިމީހާ، ރާއްޕެވެސް ބުނީ މިއީ ދުވަހަކުވެސް ހަނދާން ނުނެތޭހާ އުފާވެރި 'މަރުހަބާ'އެއް ކަމަށެވެ.