ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ފުލުުހުންގެ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ނަގައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށްކުރާ، ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވައިފައެވެ.

މިއަދުގެ އަޑުއެހުމަށް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކޮށްފައި ވަނީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ސީނިއާ ފޮރެންސިކް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަހުމަދު ތައުސީމެވެ. އޭނާ ވަނީ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގެ ސޮއިގެ ސައްހަކަމާއި ގުޅޭ ގޮތުން ހެކިބަސް ދީފައެވެ.

ހެކިބަސް ދެމުން އޭނާ ވަނީ، މާއްދީ ހެކި ލެބޯޓަރީއަށް އައުުމުން އެ ހެކިތަކާ ހަވާލުވުމަށް ކުރިއަށްގެންދާ އިޖުރާއަތުތަކާއި ފުރިހަމަވާންޖެހޭ ކަންކަމާއި އެ މައްސަލައިގައި އޭނާ ތަހުލީލު ކޮށްފައިވާ ޑޮކިއުމެންޓްތަކުގެ ތަފުސީލު ވަނީ ދީފައެވެ. އެއީ،

ސުވާލު އުފެދިފައިވާ އަތުލިޔުމެއްގެ ގޮތުގައި ހިމެނޭ "ޓުވާޑްސް މައި ޕޮލިޓިކަލް ކެމްޕެއިން" އޭ ބަޔާންކޮށްފައިވާ ލިޔުމަކާއި އެ ލިޔުންތަކުގައި ހިމެނޭ ސޮއެވެ.

ސޮއި އެއްގޮތްތޯ ބެލުމަށް ބޭނުންކުރާ ޓޫލްތަކާއި ސޮއި އެއްގޮތްކަން މިނެކިރާނެ ގޮތްތައް ތަފުސީލުކޮށްދެމުން ހެކިވެރިޔާ ބުނީ، 2015 ވަނަ އަހަރުގެ ބައެއް ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތައް ހިމެނޭ ގޮތުން އޭނާ ތަހުލީލު ކުރި ލިޔުންތަކުގައިވާ އަތުލިޔުމާއި ސޮޔާއި ނަމޫނާ ލިޔުންތަކުގައިވާ ސޮޔާއި އަތުލިޔުމާ އަޅާކިޔާފައިވާ ކަމަށެވެ.

އެގޮތުން ސުވާލު އުފެދިގެން ތަހުލީލުކުރި ލިޔުމުގައި ހިމެނޭ އަތުލިޔުމާއި ސޮއި، ނަމޫނާ ލިޔުންތަކުގައި ހިމެނޭ އަތުލިޔުމާއި ސޮޔާ ދިމާވާ ކަމަށް އެއްވެސް ޝައްކެއް ނެތި ޔަގީންވާ ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާއާ ސުވާލުކުރުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި އެ މަނިކުފާނުގެ ވަކީލުން ވަނީ އެ މައްސަލައިގެ ލިޔުންތައް، (އެވިޑެންސް) ނެގި ގަޑިއާއި ތާރީހާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެއަށް ޖަވާބުދެމުން ހެކިވެރިޔާ ބުނީ، ޗެއިން އޮފް ކަސްޓަޑީ ނަންބަރު 73 ނަގާފައިވާ ތާރީހެއް ކަމަށް ބަޔާންކޮށްފައި ވަނީ 23 އޮގަސްޓް 2026 ވަނަ އަހަރު ކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް އޮތުމުން ދިފާއުން ވަނީ މުޅި ރިޕޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައިފައެވެ. އެއަށް ޖަވާބުދެމުން ހެކިވެރިޔާ ބުނީ، ޗެއިން އޮފް ކަސްޓަޑީގައި އެގޮތަށް އޮތް ނަމަވެސް މުޅި ރިޕޯޓުގެ ނަތީޖާއަށް އެކަމުން އަސަރެއް ނުކުރާނެ ކަމަށެވެ.

ހެކިވެރިޔާއާ ދައުލަތުންވެސް އަދި ދިފާއުންވެސް ކުރަން ހުރި ސުވާލުތައް ނިމުމުން ކްރޮސް އެކްޒާމިން ކުރުމަށް ފުރުސަތު ދެއްވުމަށްފަހު އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މިއަދުގެ އަޑިއެހުން ނިންމަވާލައްވައިފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ.