ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކިތަންމެ މެންބަރުންނެއް އެމްޑީޕީގައި ތިބޭނެ: ވައްޑޭ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގާ ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކިތަންމެ މެންބަރުންނެއް އެމްޑީޕީގައި ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމުން އެކަމާ ނުރުހުންވެ ރައީސް ނަޝީދު، ރައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން އެމަނިކުފާނު މަޖިލިސް ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީ މެންބަރުން ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެ ކުރެއްވި ޓްވީޓަށް ތާއީދުކުރައްވައި ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާނަމަ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ވޯޓުދޭނެ ކިތަންމެ މެންބަރުންނެއް އެމްޑީޕީގައި ތިބޭނެ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރުކުރުމުން ނުރުހުންވެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެމަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މަޖިލިސް ރައީސް އެގޮތަށް ވާހަފުޅުދެއްކެވުމުން ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ، ރައީސް ނަޝީދަށް އެކަން ސާބިތު ކޮށްދެވިފައިނުވާތީ އެ މަނިކުފާނުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ރައީސް ސޯލިހު ބްލެކުމެއިލް ކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.