ސާފް ޗެމްޕިއަންޝިޕް

ސާފް 20 އަހަރުން ދަށުގެ މުބާރާތް: ފަހުވަގުތު ލަންކާއާ އެއްވަރުވެ ރާއްޖެއަށް ފައިނަލުގެ އުންމީދު ގެއްލިއްޖެ

އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ސްރީ ލަންކާއާ 1-1 އިން އެއްވަރުވެ، ރާއްޖޭގެ ޒުވާން ޓީމަށް ބާކީ މެޗެއް އޮއްވައި ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.

ފަސް ގައުމު ވާދަކުރާ މި ފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ އެއްވަނައިގައި މިވަގުތު އޮތީ ތިން މެޗުން ވެސް މޮޅުވި ބަންގްލަދޭޝްއެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޑިއާ އާއި ތިން ވަނައިިގައި އޮތް ނޭޕާލަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

އިންޑިއާއިން މިއަދު ވަނީ ނޭޕާލް 8-0 އިން ބަލިކޮށްފައެވެ. ހަތަރެއްގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ލަންކާ އަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ލަންކާގެ ހުރިހާ މެޗެއް ނިމުނުއިރު، ރާއްޖެއަށް ދެން އޮތީ އަންގާރަ ދުވަހު އިންޑިއާއާ ކުޅޭ މެޗެވެ.

ބަދަލުތަކާއެކު މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ ޓީމުން މެޗުގެ 75 ވަނަ މިނެޓްގައި ލީޑު ނެގި އިރު، އެ ގޯލަކީ އައިހަމް ހަމްދޫން ޖެހި ގޯލެކެވެ. އައިހަމްގެ ގޯލަކީ އޭރިއާ ބޭރުން ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ.

ރާއްޖެއިން މެޗުން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ހަތަރު ވަނަ މިނެޓްގައި ލަންކާގެ ގޯލު ޖެހީ ތެސާން ތުޝްމިކާއެވެ.

ރާއްޖެއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުއެވެ.