މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ އެބޭފުޅުންގެ މަރު ދުވަހާ ޖެހެންދެންވެސް ގައްދާރުން ކަމަށް އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ގައްދާރުން ކަމަށެވެ.

އޭގެ ބަދަލުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމާއި ކާނަލް ނާޒިމަކީ ގައްދާރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެމްއެންޕީންވެސް ގެންދަނީ ސަރުކާރުގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީތަކުން ދެކޭ ގޮތް ހާމަކުރަމުންނެވެ.