މި ސީޒަނަށް ލިވަޕޫލަށް ގެންދިޔަ އުރުގުއޭގެ ފޯވަޑް ޑާވިން ނުނޭޒް ޖެހި ގޯލާއެކު ލިވަޕޫލުން މެންޗެސްޓާ ސިޓީ ބަލިކޮށް، ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީއާއި އެފްއޭ ކަޕް ޗެމްޕިއަން ލިވަޕޫލުން މިރޭ ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗު ވެމްބްލީގައި ކުޅެފައި ނުވަނީ މާދަމާ ރޭ އަންހެން ޔޫރޯގެ ފައިނަލް ވެމްބްލީގައި ބާއްވަން ތާވަލުކޮށްފައިވާތީއެވެ. މާދަމާ ރޭ ވެމްބްލީގައި ކުޅޭ އަންހެން ޔޫރޯ ފައިނަލުގައި ވާދަކުރާނީ އިންގްލެންޑާއި ޖަރުމަނެވެ.

މިރޭގެ ޝީލްޑަކީ ލިވަޕޫލުން ކާމިޔާބުކުރި 16 ވަނަ ޝީލްޑެވެ. އެ ޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގައި އެލެކްސެންޑްރާ އާނޯލްޑް ޖެހި ގޯލުންނެވެ. އެ ގޯލަކީ އާނޯލްޑް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ސިޓީގެ ޑިފެންޑަރު ނަތަން އަކޭ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

ސިޓީން މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި އެ ޓީމަށް އަލަށް ގެންދިޔަ ނޯވޭގެ ފޯވަޑް އާލިންގް ހާލަންޑް ހިމަނާފައިވާ އިރު، ލިވަޕޫލުން އަލަށް ގެންދިޔަ ފޯވަޑް ނުނޭޒް މެޗަށް ނެރުނީ ދެވަނަ ހާފުގައެވެ. ސިޓީން މެޗަށް އަނބުރާ ވަނުމަށް ފުރަތަމަ ހާފުގައި ކުރި މަސައްކަތުން އެ ޓީމަށް ފަހިވި ދެ ފުރުސަތެއް ހާލަންޑަށް ލިބުނު ނަމަވެސް، އޭނާއަށް އެކަށީގެންވާ ގޮތެއްގައި އެ ހަމަލާތައް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެ ސިޓީން ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލު ޖަހައިދިނީ އަލަށް ގެންދިޔަ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒްއެވެ. އަލްވަރޭޒް މެޗަށް ނުކުތީވެސް ދެވަނަ ހާފުގައެވެ. އަލްވަރޭޒްގެ ގޯލަކީ ފިލް ފޮޑަން ޖެހި ބޯޅައެއް، ލިވަޕޫލްގެ ގޯލު ބެލެހެއްޓި އެޑްރިއަން އަތުގައި ޖެހިފައި ވެއްޓުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

މިރޭގެ މެޗަށް އެޑްރިއަން ލިވަޕޫލްގެ ގޯލަށް ނުކުތީ އެލިސަން ބެކާއަށް އަނިޔާވެފައި ހުރުމުންނެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ މުހައްމަދު ސަލާހް ޖެހި ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ރުބެން ޑިއާޒް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފަހުކޮޅުގައި ނުނޭޒްގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ލިވަޕޫލުން ޝީލްޑް ޔަގީންކުރީ އޭނާގެ ގޯލަކާއެކުގައެވެ. އެއީ ރަސްމީ މެޗެއްގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަނެއްކޮޅުން މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ސިޓީގެ ފޯވަޑް ހާލަންޑަށް ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ އަތުން ބޭކާރު ވެގެންދިޔައެވެ.