ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ސާފް އަންހެން ޗެމްޕިއަންޝިޕް: ރާއްޖެއާއި އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

ނޭޕާލުގެ ކަތަމަންޑޫގައި ސެޕްޓެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ވަރުގަދަ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

މިފަހަރު އަންހެން ސާފް ޗެމްޕިއަންޝިޕްގައި ހަތް ގައުމަކުން ވާދަކުރާ އިރު، ގުރުއަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ބަންގްލަދޭޝްގައެވެ. އެ ރަސްމިއްޔާތުގައި ސާފް 17 އަހަރުން ދަށުގެ މުބާރާތުގެ ގުރުވެސް ނަގާފައިވެއެވެ. ސާފް 17 އަހަރުގެ ޗެމްޕިއަންޝިޕް މިއަހަރު ބާއްވަން ތާވަލު ކޮށްފައި ވަނީ ސްރީ ލަންކާގައެވެ. އެ މުބާރާތް ކުރިއަށް ދާނީ އަންނަ މަހު ފަސްވަނަ ދުވަހުން 14 ވަނަ ދުވަހާ ހަމައަށެވެ.

ސާފް އަންހެން ޗެމްޕިއަންޝިޕް ނޭޕާލުގައި ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ މަހު 6 އިން 19 އަށެވެ.

ސާފް އަންހެން ޗެމްޕިއަންޝިޕްގެ ގުރުއަތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި ސާފް އަންހެން ހުރިހާ މުބާރާތެއްވެސް ކާމިޔާބު ކުރި އިންޑިއާގެ އިތުރުން ދެން ހިމެނެނީ ޕާކިސްތާނާއި ބަންގްލަދޭޝެވެ.

އިންޑިއާއަކީ މިހާތަނަށް ބޭއްވި ސާފް އަންހެން ފަސް މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެންމެ ފަހުން ލަންކާގައި 2019 ވަނަ އަހަރު ބޭއްވި ސާފް އަންހެން ޗެމްޕިއަންޝިޕްގައި އިންޑިއާ ޗެމްޕިއަންކަން ނެގީ ނޭޕާލާ ވާދަކޮށެވެ.

ރާއްޖެއަށް ސާފް އަންހެން ޗެމްޕިއަންޝިޕްގައި އެންމެ ދުރަށް ދެވުނީ 2016 ވަނަ އަހަރެވެ. އިންޑިއާގައި ބޭއްވި އެ މުބާރާތުގައި ރާއްޖެއިން ވަނީ ސެމީގައި ކުޅެފައެވެ.

މިއަހަރު އަންހެން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ހިމެނެނީ ލަންކާއާއި ބޫޓާނުގެ އިތުރުން ނޭޕާލެވެ.

ލަންކާގައި ބާއްވަން ތާވަލުކޮށްފައިވާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގެ ގުރުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ހިމެނެނީ ސްރީ ލަންކާގެ އިތުރުން ރާއްޖެއާއި ބަންގްލަދޭޝެވެ. ގްރޫޕް ބީގައިވެސް ތިން ޓީމުން ވާދަކުރާ އިރު، އެ ގްރޫޕުގައި ހިމެނެނީ އިންޑިއާއި ނޭޕާލުގެ އިތުރުން ބޫޓާނެވެ.