ސާފް ޗެމްޕިއަންޝިޕް

ސާފް 20 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝްއިން ރާއްޖެވެސް ބަލިކޮށްފި

އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ރާއްޖެވެސް ބަލިކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗުގައި ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 4-0 އިން ރާއްޖެ ބަލިވި އިރު، ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި ސްރީ ލަންކާ 1-0 އިން އޭގެ ފަހުން ކުޅުނު މެޗުގައި އިންޑިއާ 2-1 އިން ބަލިކޮށްފައެވެ.

ބަންްގްލަދޭޝްއިން ފަހު މެޗުގައި ނޭޕާލާ އެއްވަރުކޮށްލައިގެންވެސް ފައިނަލުގެ ޖާގަ ޔަގީންކުރެވޭނެއެވެ. ރާއްޖެއަށް މިހާރު ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.

ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތްއިރު، ދެ ވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އިންޑިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ލަންކާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ފުރަތަމަ ތިން މެޗުން ބަލިވުމުން ލަންކާ ވަނީ މުބާރާތުން ކަޓައިފައެވެ. ލަންކާ ފަހު މެޗުގައި މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ހަތަރު ގޯލުގެ ލީޑެއް ނެގިއެވެ. ބަންގްލަދޭޝްގެ ކުރިއަށް ކުޅޭ، މިރްޖާލުލް އިސްލާމް ހެޓްރިކެއް ހެދި އިރު، އަނެއް ގޯލު ޖެހީ ރަފީގުލް އިސްލާމެވެ.

ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ 53 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. އެއީ މުބާރާތުގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލެވެ. ބަންގްލަދޭޝް ޑިފެންސް ތެރެއިން ލިބުނު ފުރުސަތެއްގައި ރާއްޖޭގެ ޒައިން ޒަފަރު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

މުބާރާތުގައި ރާއްޖެއަށް ދެން ފައިނަލުގެ ފުރުސަތެއް އޮތީ ނޭޕާލް ދެން ކުޅޭ ދެ މެޗުން އިންޑިއާ އާއި ބަންގްލަދޭޝް އަތުން މޮޅުނުވެވި، ރާއްޖެ ދެން ކުޅޭ ދެ މެޗުން ލަންކާ އާއި އިންޑިއާ އަތުން ގިނަ ގޯލުގެ ތަފާތާއެކު މޮޅުވެގެންނެވެ.