މެންޗެސްޓާ ޔުނައިޓެޑުން މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުގައި ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ ކަމަށް އޭނާ ބުނެފިއެވެ.
ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ޔުނައިޓެޑްގެ ތަމްރީނުތަކަށް އެނބުރި ގޮސްފައިވަނީ ދުވަސްތަކެއް ވަންދެން ޓްރާންސްފާއަކަށް މަސައްކަތް ކުރުމަށްފަހުއެވެ. ޔުނައިޓެޑުން ޕްރީ ސީޒަންގައި ތައިލެންޑާއި އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްތަކުގައި ރޮނާލްޑޯ އެ ކްލަބުގެ ސްކޮޑާއެކު ދަތުރު ކޮށްފައެއް ނުވެއެވެ. ރޮނާލްޑޯ އެ ދުވަސްވަރު ޔުނައިޓެޑަށް ނުގޮސް ހުރީ ޓްރާންސްފާއަކަށް މަސައްކަތް ކުރަމުން ދިޔުމުންނެވެ.
ޔުނައިޓެޑްގައި ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގު ފުޓުބޯޅަ ނުކުޅެވޭތީ ރޮނާލްޑޯގެ އެޖެންޓް ވަނީ އޭނާ އެހެން ކްލަބުތަކަށް އޮފާކޮށްފައެވެ. ނަމަވެސް ރޮނާލްޑޯއަށް ޓްރާންސްފާއެއް ކާމިޔާބުވާގޮތެއް ނުވިއެވެ. ރޮނާލްޑޯގެ އެޖެންޓް ވަނީ ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބުތަކަށް ރޮނާލްޑޯ ހުށަހަޅާފައެވެ.
ޓްރާންސްފާއަކަށް މަސައްކަތް ކުރުމަށްފަހު ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ގޮސްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރޮނާލްޑޯ އެނބުރި ގޮސް، އެލެކްސް ފާގަސަންއާއި ޔުނައިޓެޑްގެ އިތުރު ލެޖެންޑުންނާއެކު ވަނީ ކޯޗު އެރިކް ޓެން ހާގާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށްފަހު ޔުނައިޓެޑްގައި ރޮނާލްޑޯ މަޑުކުރަން ނިންމާފައިވާ ކަމަށް މީޑިއާތައް ބުންޏެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަނީ އޭގެ ފަހުން ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ ޓްރާންސްފާއެއްގެ ވާހަކަތައް ދޮގުކޮށްފައެވެ.
އެންމެފަހުން ޔުނައިޓެޑުން އޮސްލޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވި ނަމަވެސް، ރޮނާލްޑޯ ވަނީ ކުރިއަށް އޮތް ރަޔޯ ވަލެކާނޯ މެޗުގައި އޭނާ ކުޅޭނެ ކަމަށް ބުނެފައެވެ. އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އާދީއްތަ ދުވަހު ކިންގް ކުޅޭނެ،" ކަމަށެވެ.
ޓެން ހާގު ކުރިންވެސް ބުނެފައި ވަނީ ރޮނާލްޑޯއަކީ ކްލަބުން ވިއްކާލަން ބޭނުންވާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އޭނާގެ ސްޓައިލަށް ރޮނާލްޑޯ ފިޓްވާނެ ގޮތެއް ހޯދުމަށްވެސް ޓެން ހާގު ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯ ނިންމާލި އިރު، އުމުރުން 37 އަހަރުގައި އޭނާ ވަނީ 18 ގޯލު ޖަހައިފައެވެ. ގޯލު ޖެހުމުގައި ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު ރޯލެއް ކުޅުނު ނަމަވެސް ގިނަ ކްލަބުތަކަށް އުނދަގޫ ވަނީ ބޮޑު މުސާރައިގައި ގެންދިއުމަށެވެ. އެއީ ރޮނާލްޑޯގެ އުމުރަށްވެސް ބަލައިފައެވެ.