އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި އަންހެން ޓީޓީ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެއްޖެއެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރޭންކިންގެ ގަދަ 16ގެ ތެރެއިން ކޮލިފައިވި އިރު، އެ ޓީމު ހިމެނުނީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި މޮރިޝަސްއާ އެއް ގްރޫޕެއްގައެވެ. އެގޮތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުން އިއްޔެ މޮރިޝަސް އަތުން ބަލިވީ 3-2 ގޭމުންނެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު މެލޭޝިއާއިން ވަނީ ސީދާ ތިން ގޭމުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ.
ރާއްޖޭން ފުރަތަމަ ގޭމުގައި ކުޅެން އެރީ ޑަބަލްސްގައި ފާތިމަތު ޖުމާނާ ނިމާލް އާއި އައިޝަތު ރަފާ ނާޒިމެވެ. މޮރިޝަސްގެ ނަންދޭޝްވަރީ ޖާލިމް އާއި ރުގައްޔާ ކިނޫ އަތުން ސީދާ ތިން ސެޓުން ބަލިވި އިރު، ސެޓުތައް ދިޔައީ 11-09، 11-05 އަދި 11-08 އިންނެވެ.
އޭގެ ފަހުން ކުޅުނު ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ފަހަތުން އަރައި، މޮރިޝަސްގެ އޫމެހާނީ ހުސޭނަލީ ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 11-05، 08-11، 08-11 އަދި 05-11 އިންނެވެ.
ދެ ވަނަ ސިންގަލްސް މެޗުގައި ޖުމާނާ ވަނީ ތިން ސެޓުން ރުގައްޔާ އަތުން ބަލިވެފައެވެ. އޭނާ ފުރަތަމަ ދެ ސެޓު، ފަސޭހަކަމާ އެކު 11-06، 11-02 އިން ގެންދިޔަ ނަމަވެސް ތިން ވަނަ ސެޓުގައި ޖުމާނާ ފައިޓެއް ދިނެވެ. އެކަމަކު، މި ސެޓުގެ ފަހުކޮޅުގައި ރުގައްޔާ ވަނީ 15-13 އިން މޮޅުވެ، މެޗު ކާމިޔާބުކޮށްފައެވެ. ހަތަރު ވަނަ ގޭމަށް ރަފާ އެރި އިރު، ރާއްޖެއަށް އޮތީ މޮޅުވުން މަޖުބޫރުވެފައެވެ. ވަރުގަދަ ކުޅުމަކާއެކު ރަފާ ވަނީ ހުސޭނަލީ އަތުން ތިން ސެޓުން މޮޅުވެފައެވެ. ރަފާ ސެޓުތައް ގެންދިޔައީ، 11-05، 11-06 އަދި 11-08 އިންނެވެ.
ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ގޭމަށް ރާއްޖޭން ދީމާ ނުކުތް އިރު، މޮރިޝަސް އިން ކުޅުނީ ނަންދޭޝްވަރީއެވެ. ފުރަތަމަ ސެޓު ނަންދޭޝްވަރީ 11-06 އިން ގެންދިޔަ ނަމަވެސް ދީމާ ވަނީ 05-11 އާއި 09-11 އިން ގެންގޮސްފައެވެ. ހަތަރު ވަނަ ސެޓުގައި، ނަންދޭޝްވަރީ ވަނީ ދީމާ ޕްރެޝަރަށް ދިޔަ ވަގުތެއްގެ ފައިދާ ނަގައި، 11-08 އިން ސެޓު ގެންގޮސް، ނަތީޖާ ނެރެން ފަސްވަނަ ސެޓަކަށް ގެންގޮސްފައެވެ. ފަސް ވަނަ ސެޓު ވާދަވެރިކޮށް ގޮސް، ނަންދޭޝްވަރީ ގެންދިޔައީ 15-13 އިންނެވެ.
މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި މެލޭޝިއާ މާބޮޑަށްވެސް ވަރުގަދަކޮށް ފެނުނު އިރު، އެޓީމުން ވަނީ ފުރަތަމަ އިވެންޓުން ފެށިގެން ފުލުފުލުގައި ތިން ގޭމް ގެންގޮސްފައެވެ.
ބެޑްމިންޓަންގެ މިކްސް ޓީމު އިވެންޓްގައި އިއްޔެ ރާއްޖޭން ކުޅުނު މެޗުން ސްކޮޓްލެންޑް އަތުން ބަލިވީ 5-0 އިންނެވެ. ދުނިޔޭގެ ރޭންކިންއަށް ބަލައި އިރުވެސް ރަނގަޅު ހިސާބެއްގައި އޮތް ގިނަ ކުޅުންތެރިން ހިމެނޭ ސްކޮޓްލެންޑް ޓީމު ފެނުނީ ވަރުގަދަ ކޮށެވެ. ފަސް ގޭމަށް ބަލައި އިރު، ރާއްޖެއަށް ޗެލެންޖެއް ދެވުނީވެސް މަދު ގޭމެއްގައެވެ.
އަންހެން ސިންގަލްސްގައި ސްކޮޓްލެންޑްގެ ކާސްޓީ ގިލްމޯއާ ދެކޮޅަށް ނުކުތީ ރާއްޖޭގެ އައިމިނަތު ނަބީހާއެވެ. ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި މި ވަގުތު އޮތް ގިލްމޯ މިމެޗު ދެ ސެޓުން ގެންދިޔައިރު، އޭނާ ސެޓުތައް ކާމިޔާބުކުރީ 21-04، 21-10 އިންނެވެ. ފުރަތަމަ ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޒަޔާން ޒަކީ އަތުން ސްކޮޓްލެންޑްގެ ކަލުމް ސްމިތު މޮޅުވީ 21-06، 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފުރަތަަމަ އަންހެން ޑަބަލްސްގައި ރާއްޖޭގެ ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާއާ ދެކޮޅަށް ކުޅެގެން ސްކޮޓްލެންޑްގެ އެލެއަނޯ އޯޑަނެލް އާއި ސިއާރާ ޓޮރަންސްގެ ޕެއާ ވަނީ ދެ ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 21-12 އާއި 21-05 އިންނެވެ. އެއަށްފަހު ކުޅުނު ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އާއި އަހުމަދު ނިބާލްގެ ޕެއާ އަތުން ސްކޮޓްލެންޑްގެ އަލެކްސަންޑާ ޑަން އާއި މެތިއު ގްރިމްލީގެ ޕެއާ ވަނީ މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-09 އާއި 21-14 އިންނެވެ.
އެންމެ ފަހުން ކުޅުނު މިކްސް ޑަބަލްސް މެޗުގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ އަތުން ސްކޮޓްލެންޑްގެ އެޑަމް ހޯލް އާއި ޖޫލީ މެކްޕާސަން މޮޅުވީ 21-07 އާއި 21-06 އިންނެވެ.