ދެހާސް ތިރީސް ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބާއްވަން އިންޑިއާއިން ބިޑު ކޮށްފައިވާކަމަސް އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯއޭ) އިން ބުނެފިއެވެ.
އައިއޯއޭއިން ބުނީ އެގައުމުން ކޮމަންވެލްތު ގޭމްސް ބާއްވަން ބިޑު ކޮށްފައިވާ ކަމަށާއި، އެ ބިޑަކީ 2036 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވަން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހަދަން ބާރުދޭނެ ބިޑެއް ކަމަށެވެ.
އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަނުން ބުނީ ކޮމަންވެލްތު ގޭމްސް ބާއްވަން އެގައުމުން ބިޑް ކުރީ ހަމައެކަނި ކުޅިވަރު އިވެންޓެއް ހޯސްޓް ކޮށްލުމަށް ނޫން ކަމަށާއި، އެއީ ކަމަންވެލްތު އާއިލާއަށް ކޮށްދޭން ބޭނުންވާ ހިދުމަތަކަށް ކުރި ބިޑެއް ކަމަށެވެ.
އިންޑިއާގެ އޮލިމްޕިކް އެސޯސިއޭޝަނުގެ ކައުންސިލް މެމްބަރު ހަރްޕަލް ސިންހް ވިދާޅުވީ ކޮމަންވެލްތު ގޭމްސް ބޭއްވުމަކީ އިންޑިއާގައި އޮލިމްޕިކްސް ބާއްވަން އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށާއި، ދެ އިވެންޓް ބާއްވަންވެސް މައި ސަރުކާރުން ރުހުން ދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުގެ އެކި ގިންތިތަކުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށްވެސް ކޮމަންވެލްތުގެ ސްޕޯޓްސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަރްޕަލް ސިންހް ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން ކެނެޑާއާއި ނައިޖީރިއާއިންވެސް 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.
ކޮމަންވެލްތު ގޭމްސް ބޭއްވުމަށް މިދިޔަ ފަސް ވަރަކަށް އަހަރުގައި ހޯސްޓެއްގެ މައްސަލަތައް ކުރިމަތިވިއެވެ. އެގޮތުން އަންނަ އަހަރުގެ ގޭމްސް ބާއްވަން ފުރަތަމަ އޮސްޓްރޭލިއާއިން ބިޑްކޮށް، ކާމިޔާބުކުރި ނަމަވެސް އެ ގައުމުން އެ ފުރުސަތު ދޫކޮށްލުމުން ދެން ގޭމްސް އޮންނާނީ ސްކޮޓްލޭންޑްގެ ގްލަސްގޯގައެވެ.
ދެހާސް ތިރީސް ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ބާއްވާ ގައުމު އިއުލާނުކުރީ ނޮވެމްބަރު މަހުގައެވެ.
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް