ކޮމަންވެލްތު ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު މަލްޓި ސްޕޯޓްސް ގޭމްސް، ކޮމަންވެލްތު ގޭމްސް 2026 ބޭއްވުމުގެ ފުރުސަތު މެލޭޝިއާއަށް ލިބިފައިވާ ކަމަށް އެގައުމުގެ އޮލިމްޕިކް ކައުންސިލުން ބުނެފިއެވެ.

ދެހާސް ސައްބީސް ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ފުރަތަމަ ބާއްވަން އޮތީ އޮސްޓްރޭލިއާގެ ވިކްޓޯރިއާގައެވެ. އެގައުމުން ކޮމަންވެލްތު ގޭމްސް ނުބޭއްވޭނެކަން ރަސްމީކޮށް ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން (ސީޖީއެފް) އަށް މިހާރު އޮތީ އަންގައިފައެވެ. އޮސްޓްރޭލިއާއިން ކޮމަންވެލްތު ގޭމްސް ނުބޭއްވޭނެ ކަމަށް އަންގާފައިވަނީ ފައިސާގެ ހާލަތު ތަން ނުދޭތީއެވެ.

ވިކްޓޯރިއާއިން ވަނީ ފުރުސަތު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުގައި 380 މިލިއަން ޑޮލަރު ސީޖީއެފްއަށް ދީފައެވެ. އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ސަރުކާރުން ބުނެފައިވަނީ އެގައުމުން ކޮމަންވެލްތު ގޭމްސް ބޭއްވުމުގެ ފުރުސަތު ދޫކޮށްލީ ހޯސްޓް ކުރުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާނެތީ ކަމަށެވެ. އެގައުމުން ބަޖެޓް ކުރީ ކޮމަންވެލްތު ގޭމްސްއަށް 2.6 ބިލިއަން ޑޮލަރު ކަމަށާއި، އެ އަދަދާ ހޯސްޓަށް ހިނގާ ހަރަދު ގާތް ނުކުރާ ކަމަށްވެސް އޮސްޓްރޭލިއާއިން ބުނެފައިވެއެވެ.

މެލޭޝިއާގެ އޮލިމްޕިކް ކައުންސިލުން ބުނީ ސީޖީއެފްއިން މެލޭޝިއާއަށް ހޯސްޓް ކުރުމުގެ ފުރުސަތު ރަސްމީކޮށް ދީފައިވާ ކަމަށާއި، އަދި އިވެންޓް ޕްލޭންކޮށް، ލޯކަލް ޑެލިވަރީގެ ކަންކަން ހަމަޖައްސަން 100 މިލިއަން ޑޮލަރު ވެސް ދީފައިވާ ކަމަށެވެ.

މީގެ ކުރިން މެލޭޝިއާއިން ކޮމަންވެލްތު ގޭމްސް ބާއްވާފައިވަނީ 1998 ވަނަ އަހަރުއެވެ. އެފަހަރު މެލޭޝިއާއިން ކާމިޔާބުކަމާއެކު އިވެންޓް ހޯސްޓް ކޮށްފައިވާ އިރު، އެ ގައުމުން ދަނީ 2027 ވަނަ އަހަރު ސައުތު އީސްޓް އޭޝިއަން ގޭމްސް ހޯސްޓް ކުރަންވެސް ތައްޔާރުވަމުންނެވެ.