ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވަނީ އިއްޔެ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މިއަދު ވަނީ ނާޒިމްގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
ނާޒިމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރެއް ހޯދުމުން، ސަރުކާރުގެ ބައެއް މިނިސްޓަރުންނަށާއި މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުންނަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ނާޒިމް ހައްޔަރުކުރާނަމަ އެއްޖިންސުން ގުޅުން ހިންގި ހުރިހާ މީހުން ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުގެ ކޮއްކޮ ނާޒިމް ހައްޔަރު ކުރަނީނަމަ އެހެން ހުރިހާ މިހުން ވެސް ހައްޔަރުކުރަން ޖެހޭނެ. އަޅުގަނޑު މި ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ނާޒިމް ހައްޔަރުކުރީ އއ. އަތޮޅުގައި އޮންނަ މާޔާފުށި ކިޔާ ރިސޯޓަކުންނެވެ. އެއާއެކު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕު ވަރަށް ބޮޑަށް ހޫނުވެ ނަޝީދު ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކީގައި ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ އަމަލު ހިންގާ ޕޮޓޯތައް ފުލުހާ ހިއްސާކުރަންވީތޯ. ކޮންމެވެސް މީހެއް އެބަހުރި ރައީސުލްޖުމްހޫރިއްޔާ ބަދުއަހުލާގީ މަންޒަރު ފެންނަށް ހަތަރު ފޮޓޯއެއް އަޅުގަނޑަށް ފޮނުވާފައި" ނަޝީދު ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ސޯލިހު އެފަދަކަމެއް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ނުހުންނާނެ ކަމަށެވެ.
ބަދުއަހުލާގީ ހިންގިކަމަށް ބުނެ ރައީސް ސޯލިހަށް ކުރި ތުހުމަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، ނާޒިމް ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ނަޝީދު އަސާސެއްނެތް ވާހަކަތަކެއް އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕްގައި ދައްކައިގެން ނުވާނެ ކަމަށެވެ. ތުހުމަތެއް އޮތްނަމަ ކަމާބެހޭ ފަރާތަށް ހުށަހަޅަން ވެސް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު