އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިއްޔެ ހައްޔަރުކުރި 35 އަހަރުގެ މީހާ އާއި 45 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވުން ކާނަލް ނަޝީދު ވިދާޅުވެފައިވަނީ، އޭނާ އެކަހަލަ ކަމެއް ނުކުރާ ކަމަށާއި އެ އަމަލު ހިންގާ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ ބަޔަކު ގުޅައިގެން ކަމަށާއި އޭނާއަށް ގުޅި މީހުންގެ މަގުސަދަކީ އޭނާ ލައްވައި އެއްޖިންސުން ގުޅުން ހިންގުވުން ކަމަށެވެ. އެކަން ނުކުރާނެކަމަށް ވިދާޅުވުމުން، ބްލެކްމެއިލް ކުރާނެ ކަމަށްބުނެ ބިރު ދައްކާފައިވާކަމަށް ވެސް ކާނަލް ނަޝީދު ވަނީ ބުނެފައެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މިއަދު ހަތް ދުވަސް ޖަހައިފައެވެ.

ނާޒިމް ވެސް ވަނީ އެފަދަ އަމަލެއް ހިންގިކަމަށް އިންކާރުކޮށްފައެވެ. ނާޒިމް ވިދާޅުވެފައިވަނީ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި އެފަދަ ވީޑިއޯ ހަދައި އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރަމުންދަނީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ ކަންކަން އާންމުކުރަމުންދާތީ ކަމަށެވެ.

އެ ތިން މީހުން ވެސް ހައްޔަރުކުރީ ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިއަދު ފުލުހުން ވަނީ ނޫސްވެރިއާ އަލީ ނަސީރު ވެސް ހައްޔަރުކޮށްފައެވެ.