އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނޫސްވެރިޔާ އަލީ ނަސީރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ނަސީރު ހައްޔަރުކުރީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ނަސީރު ހައްޔަރުކުރީ ސޯޝަލް މީޑިއާގައި އޭނާ އެއްޖިންސުން ޖިންސީ ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލައެއްގައެވެ.

ނަސީރުއާއެކު ދެން އެ ވީޑިއޯއިން ފެންނަނީ ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ތުހުމަތު ދޮގުކުރައްވައި ސަލީމް ވިދާޅުވެފައިވަނީ، ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށެވެ.

ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް ތުހުމަތުކުރި ނޫސްތަކާ ސަލީމު ވަނީ އަނބުރުގެ ދައުވާކޮށްފައެވެ. އަދި ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ނޫންކަން ކަށަވަރުކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީ އެއް ފޮނުވައިފައެވެ.

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ވެސް އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެ ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހެކެވެ.