އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
ނާޒިމްގެ ބަންދަށް ހަތް ދުވަސް ޖަހައިފައި މިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް، ތަހުގީގަށް ހާޒިރުކޮށް ފުލުހުން ވަނީ މީގެ ކުރިން ބަޔާން ނަގައި އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓައިފައެވެ.
އަލަމް ގީރާއެކު ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ކޯޓު އަމުރުތައް ނެރުނުކަން އެނގުމާއެކު ނާޒިމް ވަނީ އއ. އަތޮޅުގައި އޮންނަ މާޔާފުށި ކިޔާ ރިސޯޓް ގޮސްފައެވެ. އެ ރިސޯޓަކީ ނާޒިމްގެ ބޮޑުބޭބެ އަބްދުލް ޖަލީލްގެ ރިސޯޓެކެވެ.
ފުލުހުން ނާޒިމް ހައްޔަރުކުރީ އެ ރިސޯޓުގައި ހުއްޓައެވެ.
ނާޒިމް ހައްޔަރުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރޭ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮއްކޯފުޅު ނާޒިމް ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ނަޝީދު ވިދާޅުވެފައިވަނީ، ނާޒިމް ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ސިޔާސީ ބޭނުމެއްގައި، ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށެވެ.
ނަޝީދު ވަނީ މީގެ ކުރިން ވެސް ނާޒިމް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ، ކަމެއް ހިނގުމުން އެކަމެއްގެ ދެކޮޅު ނުބަލައި އެކަމަކާ ގުޅިގެން ބަސް ބުނެ އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ.
އަލަމް ގީރާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.
އެ ދެމީހުންވެސް އިއްޔެ ވަނީ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު