ކުށްކުރާ ކުދިން އިސްލާހުކުރަން އާއިލާ އާއި މުޖުތަމައުގެ ޓީޗަރުންގެ އެއްބާރުލުން މުހިންމު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާ ހަމައަށް ދަނީ ވަރަށް ގިނަ ކަންކަން ފެއިލްވެގެން ކަމަށާއި ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުއީ ގާނޫނީ އަދަބެއް އަންނަނީ ހަތަރު ވަނައަށް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާ އާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލް ގުޅިގެން އެކުއްޖާ މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ހޯރަފުށިގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ހޯރަފުށީގައި ގާއިމް ކުރުމަށް މިއަދު ބިންގާ އެޅި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.

ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނުކުތުމަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސްއަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ ތަނެކެވެ.