ޚަބަރު

މުޑުދާރު އަމަލު ހިންގާ މީހުންނާމެދު ފިޔަވަޅުއަޅަން ފުލުހުން ފަސް ނުޖެހޭނެ: އިމްރާން

މުހައްމަދު އިޝާން

މުޑުދާރު އަމަލު ހިންގާ މީހުންނާމެދު ފިޔަވަޅު އަޅަން ފުލުހުން ފަސް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލައިގައި ތުހުމަތުވާ ފަރާތްތައް ހައްޔަރުނުކުރާތީވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު ފުލުހުން އެމައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާތީއެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ މުޑުދާރު އަމަލު ހިންގާ މީހުންނަށް ފުލުހުން ފިޔަވަޅު އެޅިޔަސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފުލުހުން ނޫން ކަމަށެވެ. އެހެންކަމުން ﷲ ބިރުވެތިވެތިވެ ނިޒާމުގެ ތެރޭގައި ދެން ހިމެނޭ މީހުން މަގާމުގެ ޒިންމާ އަދާކުރަން އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުވާ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިއަދު ހައްޔަރުކޮށްފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.

މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

މިއަދު ހައްޔަރު ކުރި ދެމީހުންނަކީ 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކާނަލް ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެވެ.

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާ ވާހަކަ ފުލުހުން ވަނީ މިއަދު ދޮގުކޮށްފައެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އެއް ޖިންސީ ގުޅުން ހިންގި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.