ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރް އާއެކު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.
މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހައްޔަރުކުރި ދެ މީހުންނަކީ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ ދެމީހުން ކަމަށެވެ.
މީގެ ކުރިން އަލަމް ގީރް ވަނީ ހައްޔަރުކޮށް ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައެވެ.
އޭނާގެ އިތުރަށް މިއަދު ހައްޔަރު ކުރި ދެމީހުންނަކީ 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކާނަލް ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯ އާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމު ކޮށްފައިވާ ކަމަށެވެ. މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭ ކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާއީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަގޮތުގައި ހިފައި، އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާ މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފޮރެންސިކް ސާވިސްއިން ކޮށް، ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓިޓީ ފޮރެސިކް ތަހުލީލުން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކޮށް ފުލުހުން ބުނީ، މިހާތަނަށް ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި ހިންގަމުންދާ ކަމަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ، ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު