ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: ވެއްޓުނު ވެރިޔާއަށް ލައުނަތް ދިނުމާއި ނަގައިގަތް ވެރިޔާއަށް ސަނާކިޔުމުގެ އާދަ

އިމާދު ލަތީފު

1

ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ ދެމެމުން އަންނަ ސިޔާސީ ވަރަށް ނޭދެވޭ ކަމެއް އޮވެއެވެ. ކުރީޒަމާނުގައި މިކަމަށް ބަހެއްވެސް ހެދިފައި އޮވެއެވެ. އެެއީ ވެއްޓުނު ކަތީބަށް ލައުނަތް ދިނުމާއި ނަގައިގަތް ކަތީބަށް ސަނާކިޔުމެވެ. މިއީ ކުރިންހުރި ވެރިމީހާއަށް ހުތުރުބަސް ރައްދުކޮށް ވެެރިކަމަށް އެރިމީހާއަށް ހެޔޮބަސްބުނެ އެމީހަކު ރުއްސާން އުޅުމެވެ. ކުރިން ހުރި މީހާއަކީ އެއްވެސް މީހެއް ނޫންކަމަށް ދައްކަން އަލަށް ވެރިކަމަށް އެރި މީހާވެސް ބޭނުންވާތީ ތޯއްޗެކެވެ. ޒަމާނުއްސުރެ މިއީ ވަރަށް ބޮޑަށް މާކެޓްކުރެވޭ ސިފައެކެވެ. ވިކޭ ސިފައެކެވެ. މޮޅުކަންކަމާއި މޮޅު ދަރަޖަ ލިބުމަށް ފުރުސަތު ލިބޭ ސިފައެކެވެ. މިޒަމާނުގައި މިއަށް ކިޔަނީ ވައިއެޅުވުމެވެ. ރިޔައު ނެގި އޮޑިފަހަރު ބާރަށް ދުވާނީ ނުވަތަ ބާރަށް ކުރިއަރައިގެންދާނީ ރިޔަލުގައި ވައިއެޅުނު މިންވަރަކުންނެވެ.

ކުރިން މިދެންނެވި ސިފަ މުޖުތަމައުގެ ހުރިހާ ގިންތިއަކުންވެސް ފެނެއެވެ. ރަށު ފެންވަރުގައެވެ. އަތޮޅު ފެންވަރުގައެވެ. ގައުމީ ފެންވަރުގައެވެ. މިކަމުގެ މިސާލެއް ތާރީޚުގެ ތަންކޮޅެއް ކުރީގެ ބާބަކުން ނަގަންޏާ ދާންޖެހެނީ މީލާދީން ސަތާރަސަތޭކައިގެ އަހަރުތަކަށެވެ. މީލާދީން 1701 ވަނަ އަހަރު އިސްދޫ ޚާންދާނުގެ އެންމެފަހު ރަސްގެފާނު ސުލްތާން އިބްރާހިމް މުޒްހިރުއްދީނުގެ ރަސްކަން ނިމި ދިޔަމިގިލީ ޚާންދާނުގެ ރަސްކަން ފެށުމާއެކު ވެއްޓުނު ރަސްގެފާނަށް ލައުނަތް ދިނުމާއި ނަގައިގަތް ރަސްގެފާނަށް ސަނާކިޔުމުގެ އޮއިވަރެއް ހިލިގަތެވެ. ތާރީޚުގައި ލިޔެފައިވަނިކޮށް ފެނެއެވެ. އިސްދޫ ޚާންދާނުގެ އަލީ ހަތްވަނައަކީ އިސްކޮޅުން ކުރު، ކުލަކަޅު، ސިފަހުތުރު، އަދި ކޮރުވެސް ރަސްކަލެކެވެ. މިހިރީ އެއްޗެހި ގޮވަމުން ގޮވަމުންގޮސް ކުރެވިފައި ހުންނަ ކަންކަމެވެ.

ހުރާގޭ މުހައްމަދު މަނިކުފާނު މީލާދީން 1774 ގައި ގެނައި ހުތުރުވެގެންވާ ބަޣާވާތަކަށްފަހު ގާއިމުކުރި ހުރަވީ ރަސްކަން ގާތްގަޑަކަށް 194 އަހަރަށް ދެމިގެންދިޔައިރު އެރަސްކަމުގައި ބޮޑަށް ފެނިގެންދިޔައީ ދިޔަމިގިލީ ޚާންދާނުގެ ރަސްރަސްކަލުން އެއްވެސް ކަމެއް ނުކުރައްވާކަން ދެއްކުމާއި ހުރިހާވެސް ބަޔަކީ ހުރަވީންކަން ދެއްކުމުގެ ކަންކަމެވެ. ދިޔަމިގިލީ ބޮޑު ބަންޑާރައިން ތާރީޚު ލިޔާން އަމުރު ކުރައްވައިގެން އެމަސައްކަތް ފެށިޔަސް އެކަމުގެ ރީތިނަންވެސް އެބަންޑާރައިންނަށް ދިނުމެއް ނެތެވެ. ތާރީޚުގެ ބައްޕަޔަކަށް ހެދީ ހަސަން ތާޖުއްދީނެވެ. ބޭރުގެ ދުޝްމަނުން ބަލިކޮށް އެތަކެއްފަހަރު ދިވެހިރާއްޖެ ސަލާމަތްކުރައްވައި ޣާޒީއެއްގެ ދަރަޖަ ހޯއްދެވި ދިޔަމިގިލީ ޣިތާސުއްދީނު ރަދުންނަށް އެ ޝަރަފުވެސް ދޭން ބޭނުމެއް ނުވިއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަތިރީގޭ މުހައްމަދު އަމީނުގެ ވެރިކަން 21 އޮގަސްޓް 1953 ގައި ނިމުމާއެކު ދެން ފެށުނީ މުހައްމަދު އަމީނަށް ހުތުރު އެއްޗެހި ގޮވައި ލައުނަތް ދިނުމުގެ ކުޅިވަރެވެ. ނުގޮވާކަށް ވަކި އެއްޗެއް ނެތެވެ. އެވެނި ތަނެއްގައި ކުޓިކުރާ ފުށް ޖެހިއޭވެސް ގޮވިއެވެ. ހުރަވީ ޚާންދާނުގެ އިއްޒަތްތެރިންނަށް ލައުނަތް ދިނުމަކީ މަތިހަށި ނަގައިފައި އިރަށް ދުނިޖެހުމެކޭ، ނަތީޖާއެއް ނުފެންނާނެޔޭ ގޮވައި ލިޔުންތައް ލިޔުނު މީހުން ބަދަލުވީ ހަމަ އެހުރަވީ ޚާންދާނުގެ މުހައްމަދު އަމީނަށް ހުތުރު އެއްޗެހި ގޮވި މީހުންގެ ތެރޭގައެވެ. އަމީނަށް ލައުނަތް ދިނުމާއެކު ދެން އޮތީ ނަގައިގަތް ވެރިޔާ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް ސަނާކިޔުމެވެ. ޅެމާއި ފަރިހިންނެވެ. ދުލުންނާއި މަޒުމޫނުތަކުންނެވެ.

ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަން 1957 ގައި ނިމި އިބްރާހިމް ނާސިރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން އެއްކަލަ ބަލިމަޑުކަން އަނެއްކާވެސް ހިލިގަންނަގޮތް ވިއެވެ. އެބޭބެ، މިބޭބެ، ތެޔޮދަމާބޭބެ، މިޒާތަކުން ފުރައްސާރައިގެ އަންބާތައް ވައިގެތެރޭގައި ގުގުމާގޮތްވީމާ އެކަން އިބްރާހިމް ނާސިރު މަނާ ކުރައްވައިފިއެވެ. ވެއްޓުނު ވެރިޔާއަށް ލައުނަތް ދިނުމަކީ އައުވެރިޔާ ރުހޭ ކަމެއް ނޫންކަން އަންގަވައިފިއެވެ. އެހިސާބުން އެކަން މަޑުޖެހިއްޖެއެވެ. ނާސިރުގެ ވެރިކަން 1978ގައި ހަމަނިމުމާއެކު އެއްކަލަ ހުތުރު ސިފަ ހޭލައިގެން ނާސިރަށް ނުގޮވާކަށް އެއްޗެއް ނެތެވެ. ނުކުރަހާކަށް ކާޓޫނެއް، ނާޅުވާކަށް ތުހުމަތެއް ނެތެވެ. ދިވެހިރާއްޖެއަަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ހޯއްދަވައިދެއްވި ބަތޮލަކީ ނާސިރޭ ބުނުންވެސް ކުށަކަަށްވެފައި ދުވަސްކޮޅަކު އޮތެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފުރަތަމަ ތިން ދައުރު ފާއިތުވެގެންދިޔައީ އެކަހަލަ ގޮތެއްގައެވެ. އެހެންނަމަވެސް އެންމެފަހު ދައުރުގައި ދުނިޔޭގެ އޮޔާއި ވައި ބަދަލުވެ ރާއްޖޭގެ ސިޔާސީ މަންޒަރުތަކާއި ފިކުރުތައްވެސް ބަދަލުވެ ވެރިކަމުގައި ހުންނަ މީހާޔަށް އެއްޗެހި ގޮވުމުގެ ޒަމާން އަތުވެއްޖެއެވެ. ވެރިކަމުގައި ހުންނަ މީހާޔަށް ލައުނަތް ދިނުމަކީ ކުރީގައި ކުރެވޭ ކަމެއް ނޫނެވެ. ލައުނަތް ދެވޭނީ އެމީހަކު ވެއްޓުނީމައެވެ. އެކަމަކު މިހާރު ލައުނަތްދިނުން އެންމެ ބޮޑީ ވެރިކަމުގައި ހުންނަ މީހާއަށެވެ. އެއީ ޒަމާނާއެކު އައިސްފައިވާ ބަދަލަކީއެވެ. އެމީހަކު ކުރިކަމަކާއި ނުކޮށް ދޫކޮށްލި ކަންކަމުގެ ވާހަކައިން ފާޑުކިޔުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އެމީހަކު ކުރި ރަނގަޅުކަންކަން އެއީ ނުވާކަންކަމަށް ހެދުމާއި އެމީހަކަށް ހައްގުވާ ކްރެޑިޓް ނުދިނުން ގޯހެވެ.