ދިވެހިންގެ ހިތްތަކުގައި އިސްލާމީ ޝިއާރު އާލާކޮށް، އިސްލާމީ ވަހުދަތު ނަގަހައްޓައި ހިފަހައްޓާނެ ބަޔަކަށް ގައުމު މިއަދު ބޭނުންވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާ ސަބަތުގައި މަރުހަބާ ވިދާޅުވެ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ނާޒިމު ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމަށް މިއަދު 57 އަހަރު ފުރިގެންދާ އިރު އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"އެގޮތުން ކޮވިޑް 19 އަށްފަހު ރަޝީޔާ، ޔުކުރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުވެ އޭގެ އަނދިރިކަން ދިވެހިންގެ ހިތްތަކަށް މިވަނީ ވެރިވެފައި،" ނާޒިމް ވިދާޅުވިއެވެ.
ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ ކުރަމުންދާ އިސްރާފުތައް ފޫބެއްދުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާ އިރު، ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރުމަކީ ހަމައެކަނި ހައްލުކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޒަމާނުއްސުރެ މި ގައުމުގައި ދަމަހައްޓަމުން އައި އިސްލާމީ ރިވެތި އުސޫލުތަކާއި މިންގަނޑުތަކުން ނެއްޓި ގައުމުގެ ފޭރާން ރޫޅި، ދިވެހިންގެ ތެރެއިން ބައެއްގެ އަހުލާގު މިއަދު ވެއްޓިފައިވާ ދަރަޖައަކީ އެއާމެދު ދިވެހި ކޮންމެ މަންމައަކާއި ބައްޕައަކު އަދި ކޮންމެ ބޭބެއަކާއި ކޮއްކޮއަކު ފުން ކޮށް ވިސްނަން ޖެހިފައިވާ ހާލަތެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލާއި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ދިވެހިންނަށް ހިދުމަތް ދިނުމުގެ ހަމަ ގާއިމްކޮށްދީ، ދިވެހިން އެދޭ އުއްމީދީ ދިވެހި ރާއްޖެއަކަށް، ރާއްޖެ ބިނާ ކުރުމަށް އަޅުގަނޑު މިހިރީ ކެރިގެން ތިބޭފުޅުންނަށް ކުރިމަތިލާން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ގައުމު ސަލާމަތާއި ރައްކާތެރިކަމާމެދު އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ދިވެހިންގެ މަސްލަހަތު އިސްކޮށްގެން ތޯ އެތައް ބަޔަކުސުވާލު އުފައްދާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް ދޭން އޮތް ޔަގީން ކަމަކީ އެމްއެންޕީގެ ވެރިކަމެއްގައި ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް ނުކުރާނެކަން، އަދި ދިވެހި ލޮބުވެތި ފަސްގަނޑުން ހަމަހިލާ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު