އިންޑިއާގެ އޮޑިޝާގެ ބުބަނޭޝްވަރު ސިޓީގައި މިއަދު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 4-0 އިން ބަލިވެއްޖެއެވެ.
ކަލިންގާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް ނޭޕާލުން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ފެނުނު އިރު، ދެން ޖެހި ގޯލުތައް ފެނުނީ ދެވަނަ ހާފުގައެވެ. ނޭޕާލުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 42 ވަނަ މިނެޓުގައި ދިޕޭޝް ގުރުންގް، އޭރިއާ ބޭރުން ބާރު ހަމަލާއެއް ސީދާ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ނޭޕާލް މެޗުގެ ލީޑު ފުޅާކުރީ އެޓީމުގެ ސުގަމް ސުވާލް ކާމިޔާބުކުރި ގޯލުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ނޭޕާލުން ދެވަނަ ގޯލެއް ޖަހައި، އަދި 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރިތިޝް ރަތްނާ ޖެހި ގޯލުން ލީޑު 3-0 އަކަށް ފުޅާކުރިއެވެ.
ނޭޕާލްގެ ފަހު ގޯލު ފެނުނީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި މަނާގިޔާ ނަކާމީއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ފޯމެޓަކަށެވެ. މިފަހަރުގެ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ، ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލްއެވެ.
ރާއްޖޭ ޓީމުގެ ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިންއެވެ. ވައިސް ކެޕްޓަނުންނަކީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.
ރާއްޖޭގެ ޓީމުގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ލީގު މެދުކަނޑާ ނުލައި ކުޅެން ޖެހުނު ނަމަވެސް، ގައުމީ ޓީމުން އިންޑިއާއަށް ދިޔައީ ކުޅުންތެރިން ރިލީސް ހޯދައި، ކޮންމެވެސް ވަރަކަށް ފަރިތަކޮށްގެންނެވެ.
ރާއްޖޭން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު، ރާއްޖެ ގަޑިން އިރު އޮއްސި 6:30 ގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު