ރ. ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތް އަދި މިދިޔަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގު ވެރިންނަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކުރި މޮނީޓަރިން ރިޕޯޓުގައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ދުވާފަރު ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޕާސަނަލް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި ޑަބްލިޔުޑީސީ މެންބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.

މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާ އިރު، އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިދާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތް އަދި މިދިޔަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ހަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތު ކަށަވަރުކުރުމަށްފަހު ނުނީ އެފަދަ ހަބަރުތައް އާންމު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ހުރިހާ ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް މި އަހަރުން ފެށިގެން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ އެކައުންޓަށް މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށް ކަމަށެވެ.

ދުވާފަރު ކައުންސިލްގެ މެންބަރުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ވަނީ ހުށަހަޅައިފައެވެ.