ޑްރަގް ޓްރެފިކިންގެ ކުށުގެ ދައުވާ ކޮށްފައިވާ ފިލްމީތަރި ހުނައިޝާ އާދަމް (ހުނޫ) ދޫކޮށްލައިފިއެވެ.

ހުނޫ ދޫކޮށްލަން މިއަދު ކުރިމިނަލް ކޯޓުން އަމުރުކުރީ، އޭނާ ދިރިއުޅެމުންދިޔަ ގެއިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ. އަދި އެގެއިން ފެނުނު މަސްތުވާތަކެތީގެ ޒިންނާ އެހެން ފަރާތަކުން ނަގާފައިވާތީއެވެ.

ކުރިމިނަލް ކޯޓަށް މިއަދު ހުނޫ ހާޒިރުކުރީ ބަންދު މުރާޖާ ކުރުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އުފުލައިފައެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ހުނޫއަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ ދައުވާތައް މެއި މަހުގެ 18 ވަނަ ދުވަހު ޕީޖީގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ހުނޫގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލައިގައެވެ. ޕީޖީން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިން އާއި 18 ގްރާމް މެތްއާއި 139 ކެނިބިސްއެވެ.

އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫއަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ.