ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ސެނެޓަރު މުހައްމަދު އިސްމާއީލްގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގައިތުމަށް ނިންމައިފިއެވެ.

ހައި ކޯޓުގެ އޮފިޝަލަކު މިއަދު "ވަން" ވިދާޅުވީ، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މިހާރު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް ބަންދުކުރި މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ބުރާސްފަތި ދުވަހުއެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގެ ތުހުމަތަށް މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ކާނިވާގެ ކެފާއެއްގައި ސައިބޯން އިންދައި މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އޭގެ ފަހުން ބަންދުގެ މުއްދަތު ނުވަ ދުވަހަށް އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.

ޕީޕީއެމްގެ ސެނެޓަރެއް ކަމަށްވާ އިބްރާހީމް ރައްޒާން ވެސް ފުލުހުން ވަނީ ޔޯގާ ހަމަނުޖެހުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ރައްޒާންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ހުކުމް ކުރުމުން އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު ވެސް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އިއްޔެ އޭނާގެ ބަންދަށް 16 ދުވަސް އިތުރުކުރަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ދޫކޮށްލައިފައެވެ.