ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ ވެއިޓަރު ޝަމީމް މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު (26އ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔައީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން މިއަދު ވަނީ ޚާންޖީ ރެސްޓޯރަންޓުގައި މެނޭޖަރުގެ ވަޒީފާ އަދާ ކުރަމުންދިޔަ ޕާކިސްތާނު ރައްޔިތެއްކަމަށްވާ ޚާލިދު ނަދީމާއި އެ ރެސްޓޯރަންޓުގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނު ރައްޔިތެއްކަމަށްވާ މުޙައްމަދު ފައިޒާން މަނޯޖްގެ ހެކިބަސް ނަގައިފައެވެ.

ހެކިބަސް ދެމުން ހާލިދު ބުނީ އޭނާ ހާދިސާ ހިނގި ދުވަހު ބަދިގެއަށް ވަނީ ބަދިގެ ތެރެއިން އަޑުގަދަވެގެން ކަމަށާއި އެއިރު އާބިދާއި ޝަމީމް މާރާމާރީ ހިންގަމުން ދިޔަކަމަށެވެ. އަދި އެ ހިސާބުން އެދެމީހުން ދުރުކުރުމަށްފަހު، އެމީހުންނަށް ވިސްނައިދިނުމަށް ފަހު އޭނާ ބޭރަށް ނުކުތީ ކަމަށް ބުންނެވެ. ނަމަވެސް ބޭރަށް ނުކުތްތަނާ މިނެޓެއް ނުވަނިސް އަނެއްކާވެސް ހަޅޭއްލަވާ އަޑުއިވިގެން އޭނާ ބަދިގެއަށް ދިޔައީ ކަމަށާއި އެއިރު ޝަމީމްގެ މޫނުމަތީގައި ޒަަހަމެއް ހުރި ކަމަށާއި މޫނުމަތިން ލޭ އަންނަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

ހާލިދު ބުނެފައިވާ ގޮތުފައި، ޝަމީމަށް ލިބުނު ބޮޑު އަނިޔާކަމަށް ބުނާ މޭމައްޗަށް ލިބުނު އަނިޔާގެ ވާހަކަ އޭނާ އަޑުއެހީވެސް އެހެން މީހުންގެ ފަރާތުންނެވެ.

ހެކިބަސް ދެމުން ފައިޒާން ވަނީ ހަމަލާގެ މަންޒަރު ނުފެންނަ ކަމަށް ބުނެފައެވެ. އެއީ އޭނާ އެގަޑީގައި އުޅުނީ ރޯދަވީއްލުމަކަށް ގޮނޑި/މޭޒު ތައްޔާރުކުރުމަށް ކަމަށްވާތީ ކަމަށް ބުންޏެވެ.

ހެކިބަސް ނެގުމުގެ އަޑުއެހުން ޝަރީއަތުގެ ކުރިއަށް ތާވަލުކުރީ، އާބިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިން ނެގުމަށް ދައުލަތުން އެދިފައިވާތީއެވެ. އެއީ އޭގެ ބައެއް މީހުން ރާއްޖެ ދޫކޮށް ދާން ބޭނުންވާކަން އެނގިފައި އޮތުމުންނެވެ. އެގޮތުން އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު މިހާތަނަށް ވަނީ އަށް މީހެއްގެ ހެކިބަސް ނަންގަވައިފައެވެ.

ޝަމީމް މަރާލާފައިވަނީ 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އާބިދު އޭނާގެ އަތުގައި އޮތް ވަޅިއަކުން ޝަމީމްގެ މޫނުގެ ވައަތްފަރާތުން ބޮލަށާއި މެޔަށް ހަމަލާދީގެން ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.