ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑާޝިޕެއް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެގޮތަށް ވިދާޅުވީ، އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް (އައިޖޭސީއެޗްޕީ) ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
"މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނާޖީ" ގެ ތީމަށް ކުރިއަށްގެންދިޔަ އެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒްނާ ވަނީ އެ ކޮންފަރެންސްގެ ބައިވެރިންނަށް ލިބުނު މައުލޫމާތުގެ ސަބަބުން ސިއްހީ ދާއިރާގެ ހިދުމަތްދިނުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާދިނުމުުގައި ހާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިއަށްގެންދިއުމަށް ބާރުއަޅުއްވައިފައެވެ.
ފަޒްނާ ވަނީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑާޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިއުމުގެ ފައިދާތައް ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ވެސް ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ގޮވައިލެއްވިއެވެ.
މީގެ އިތުރުން ފަޒްނާ ވަނީ ޑރ. ފާތިމަތު ޝިފާޒާ ރާއްޖޭގެ ނާސިން ކޮމިއުނިޓީއަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތައް ނަމޫނާއަކަށް ދެކި އެކަމުން ފިލާވަޅު ލިބިގަތުމަށް އެދިވަޑައިގަންނަވައިފައެވެ.
އެ ރަސްމިއްޔާތުގައި ފަޒްނާ ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވައިފައެވެ.
މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތު ޗެމްޕިއަންސް މޯލްޑިވްސް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު