ޗެލްސީން އެޓީމުގެ ޑިފެންސް ހައްލަކަށް އަޅުވަން ކުރަމުންދާ މަސައްކަތުގައި އަނެއްކާވެސް ޖޫލްސް ކޫންޑޭ ހޯދުމުގެ މަސައްކަތަށް މިސްރާބު ހިފާފައިވާ އިރު، އާސެނަލުން މެންޗެސްޓާ ސިޓީގެ ޔޫކްރެއިން ޑިފެންޑަރު އެލެކްސެންޑްރާ ޒިންޗެންކޯ ގެންދަން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޗެލްސީން ޑިފެންޑަރުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ މިދިޔަ ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލި ޑިފެންޑަރުން ނެތްތަން ފޫބެއްދުމަށެވެ. މިދިޔަ ސީޒަނަށްފަހު ޗެލްސީގެ އެންމެ މުހިއްމު އެއް ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެ ކްލަބު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ އިރު، އޭނާއާއެކު ސެންޓަ ބެކުން ފެންނަ އަންދްރޭއާސް ކްރިސްޓިއަންސަން ވަނީ ބާސެލޯނާއަށް ބަދަލުވެފައެވެ.

ވަރުގަދަ ޑިފެންޑަރުންތަކެއް ޓީމުން ގެއްލުމުން އެތަން ފޫބެއްދުމަށް ޗެލްސީން ކުރަމުންދާ މަސައްކަތުގައި މިހާރު ވަނީ ކަލިދޫ ކުލިބާލީގެ ސޮއިވެސް ހޯދައިފައެވެ. އޭގެ އިތުރުން މިހާރު އަނެއްކާވެސް ބަލަމުންދަނީ ކޫންޑޭ އަށެވެ. ކޫންޑޭ ހޯދަން ޗެލްސީން ދެ ސީޒަނެއް ކުރިންވެސް މަސައްކަތް ކޮށްފައިވާ އިރު، މި ޓްރާންސްފާ ސީޒަނުގެ ކުރީކޮޅުގައި ޗެލްސީން ކޫންޑޭގެ ސޮއި ހޯދުމާ ވަރަށް ބޮޑަށްވެސް ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް އެ ޓްރާންސްފާއަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވީ ބާސާއިން ޓްރާންސްފާ ތެރެއަށް ވަނުމުގެ އިތުރުން ސެވިއްޔާއިން ބޭނުންވާ އަގު ބޮޑުވުމުންނެވެ.

ކޫންޑޭ ހޯދަން ޗެލްސީން އަނެއްކާވެސް ބުރަކޮށް މަސައްކަތް ފަށާފައިވާ އިރު، އިއްޔެ ވަނީ 55 މިލިއަން ޔޫރޯގެ ބިޑެއް ކޮށްފައެވެ. އެ ބިޑަށް ސެވިއްޔާއިން ވަނީ ނޫނެކޭ ބުނެފައެވެ. ސެވިއްޔާއިން ކޫންޑޭއަށް އެންމެ މަދުވެގެންވެސް 65 މިލިއަން ޔޫރޯ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗެލްސީން ދަނީ ކޫންޑޭގެ އިތުރުން ޕީއެސްޖީގެ ޕްރިންސަލް ކިމްޕެންބޭ ހޯދަންވެސް މަޝްވަރާ ކުރަމުންނެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލުން ކުރަމުންދާ މަސައްކަތުގައި ޒިންޗެންކޯ ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިތުބާރު ގިނަ ނޫސްތަކަކުން ވަނީ ބުނެފައެވެ. އިއްޔެ ސްކައި ސްޕޯޓްސް އިން ބުނެފައިވަނީ ޒިންޗެންކޯ ގެންދަން އާސެނަލުން އެއްބަސްވެފައިވަނީ 32 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށެވެ.

އެ އަގަށް ދެ ކްލަބުން އެއްބަސްވެ، ސިޓީއާއި އާސެނަލްއާ ދެމެދު ލިޔެކިޔުންތަކުގައި ސޮއިކޮށްފައިވާ ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ. ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ އާސެނަލުން ރަސްމީކޮށް ޒިންޗެންކޯ އިއުލާންކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

ޒިންޗެންކޯ ވެގެންދާނީ ކުރިއަށް އޮތް ސީޒަނަށް އާސެނަލުން ސިޓީން ގެންދާނެ ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އާސެނަލުން ވަނީ ސިޓީއަށް ކުޅުނު ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސް އެ ޓީމަށް ގެންގޮސްފައެވެ. ޖީސަސްގެ ފަރާތުން ޕްރި ސީޒަން މެޗުތަކުގައި ދަނީ ރަނގަޅު ކުޅުމެއް ފެންނަމުންނެވެ.