ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށާއި ގޯތި ނުވަތަ ފުލެޓު ދިނުމުގެ މަސައްކަތުގައިވެސް ބައިވެރި ނުކުރާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް އެދުމަށް ޕްލޭނިން މިނިސްޓްރީން ވަނީ ގެދޮރުވެރިން ޕޯޓަލެއް ތައާރަފުކޮށްފައެވެ. އޭގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ހަފުތާގެ ތެރޭގައި ވަނީ ވިނަރެސް ފުލެޓުތައް ގަތުމަށްވެސް ހުޅުވާލައިފައެވެ.

ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ތަނަކުން މަސައްކަތެއް ކުރާ ނަމަ، ކައުންސިލާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ސަރުކާރުގެ މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ކައުންސިލު ބައިވެރިނުކުރާ ކަމަށެވެ.

"އެހެންނަމަވެސް މަދު ތަނަކުން ކުރޭ. ބައެއް މިނިސްޓްރީތަކުން އަޅުގަނޑުމެންނާއެކު ދުވަހުން ދުވަހަށްވެސް އުޅުއްވާ. އެހެންނަމަވެސް މުހިންމު ބައެއް ކަންކަމުގައި, ހާއްސަކޮށް ގެދޮރުގެ މައްސަލަ ކަހަލަ ކަންކަމުގައި އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް ސަރުކާރުން މަޝްވަރާއެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެންމެ ނިކަމެތި ފަރާތްތަކަށް އިސްކަން ލިބޭ ގޮތަށް މިހާރު ހުޅުވާލާފައި އޮތް ގޯތި ދިނުން ނުވަތަ ފުލެޓު ދިނުންވެސް ކުރިއަށްދާން ކައުންސިލުން ބޭނުންވާ ކަމަށާއި ސަރުކާރުން އެކަން ކުރަމުންދަނީ ރަނގަޅަށްތޯ ކަށަވަރުކުރަންވެސް ބޭނުންވާ ކަމަށެވެ. އަދި އެކަމާ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވައިގެންވެސް އެއްވެސް ކަމެއް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިސްވެ އެދުނިން އަޅުގަނޑުމެން އެހީތެރިކަން ދޭން ބޭނުމޭ ސަރުކާރަށް ރައްޔިތުން އޮންލައިންކޮށް ހުށަހަޅަންޖެހޭ ފޯމުތަކެއްވީމަ, އެ ފުރުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް. އެހެންނަމަވެސް އެކަމަށްވެސް ދެއްވީ ބީރު ކަންފަތެއް،" އޭނާ ވިދާޅުވިއެވެ.

މުއިއްޒުގެ އިތުރަށް ވިދާޅުވީ ސަރުކާރުން ކައުންސިލު ބައިވެރިކުރަން ބޭނުންނުވި ނަމަވެސް، ފޯމު ފުރުމުގައި ދަތިތައް ހުރި ފަރާތްތަކަށް ހާއްސަ ހެލްޕް ޑެސްކްތަކެއް ބަހައްޓައިގެން އެހީތެރިކަން ފޯރުކޯށްދޭން ކައުންސިލުން ނިންމާފައިވާ ކަމަށާއި މިހާރު ހުޅުވާލާފައި މިއޮތް ފުރުސަތުގައި މާލޭގައި އެކަމަށް އެންމެ ބޭނުންވާ ހުރިހާ މީހުންނަށް ފޯމު ހުށަހެޅޭނެކަން ޔަގީންކުރާނެ ކަމަށެވެ.