ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަަލަށް އެކުލަވާލި ނެޝަނަލް ބޮޑީބޯޑިން ސީނިއާ ޓީމާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބޮޑީބޯޑިން އެސޯސިއޭޝަނުގެ އިސް ބޭފުޅުންނާއި ނެޝަނަލް ބޮޑީބޯޑިން ސީނިއާ ޓީމުގެ މެމްބަރުންނާއި އޮފިޝަލުން ބައިވެރިވިއެވެ.
އަދި ބައްދަލުވުމުގެ ތެރެއިން އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ރާއްޖޭގައި ބާއްވާ މުބާރާތް ކަމުގައިވާ، "ވިޒިޓް މޯލްޑިވްސް ޕްރޯ-2022"ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިން ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓުކުރުމަށް ބޭނުންކުރާ ޓީޝާޓު ވަނީ ރައީސްއަށް އަރުވައިފައެވެ.
ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ބައްދަލުވުމުގައި ރައީސް ވަނީ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން ހިއްވަރުދެއްވައިފައެވެ. އަދި ބޮޑީބޯޑިންއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމަށް ފުރުސަތު އޮތް ކުޅިވަރެއްކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ވަށައިގެން މޫދު އޮތް ގައުމަކަށްވާއިރު، ރާއްޖޭގައި މޫދު ކުޅިވަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ދަތިކަމާއެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައިނުވާހާ ގިނަ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ރާއްޖޭގައި މިއަހަރު ބޮޑީބޯޑިން ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ހާމަކުރައްވާފައިވާކަން ފާހަގަކުރައްވައި، މޫދު ކުޅިވަރު ކުރިއެރުވުމަށް ރައީސް އާއި ސަރުކާރުގެ ފަރާތުން ދެއްްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާ އިންޓަނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ބޮޑީބޯޑިން ސީނިއާ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން މިހާތަނަށް މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަން ފާހަގަކުރިއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27 އަށް ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށްދާނީ ޖުލައި 29 އިން އޮގަސްޓް ހަތްވަނަ ދުވަހާ ހަމައަށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.
ޚަބަރު
ޚަބަރު
ޚަބަރު