ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ބަޑިން ހަމަލާދިނުމުގެ ސަބަބުން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އަވަހާރަވި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސޮއިކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްގީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ.

އަދި އެ މަނިކުފާނަކީ ރާއްޖެއާ ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށާއި ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި އެ ބަޔާނުގައި ރައީސް ލިޔުއްވާފައިވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ 2006-2007 އަށް އަދި 2012-2020 އަށް ކުރައްވާފައިވާ އިރު، އޭނާއަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ.