އިޓަލީ ލީގުގެ ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯގެ ކޯލުތަކާއެކު ޕައުލޯ ޑިބާލާ އެ ކްލަބަށް ދާން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ޑިބާލާ ޔުވެންޓަސް ދޫކޮށް ދާން ފުރަތަމަ މަސައްކަތް ކުރީ އިންޓަ މިލާނަށް ނަމަވެސް ފަހު ވަގުތު ރޯމާއިން އެ ޓްރާންސްފާ ކާމިޔާބުކޮށްފައިވާ ކަމަށެވެ. ޑިބާލާ ހިލޭ ޓްރާންސްފާއެއްގައި ރޯމާއަށް ބަދަލުވާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ރޯމާއިން ޑިބާލާއާއެކު އެއްބަސްވެފައި ވަނީ އަހަރެއްގެ މައްޗަށް ހަ މިލިއަން ޕައުންޑު ޔޫރޯގެ މުސާރައަކަށެވެ.

މިވަގުތު ރޯމާއިން ޕޯޗުގަލްގައި ކޭމްޕް ކުރަމުންދާ އިރު، ހަބަރުތައް ބުނެފައި ވަނީ ރޯމާގެ މެޑިކަލް ފުރިހަމަކުރުމަށް މިހާރު ޑިބާލާ ޕޯޗުގަލްގައި ހުރި ކަމަށެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގު ރޯމާއިން ކާމިޔާބު ކޮށްފައިވާ އިރު، މޮރީނިއޯ ވެފައިވަނީ ޔޫރަޕްގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗަށެވެ. ރޯމާގެ ތަމްރީނުތަކުގެ ތެރެއިން މޮރީނިއޯގެ ހާއްސަ ފޮޓޯއެއްވެސް ދާދިފަހުން މީޑިއާގައި ވަނީ މަޝްހޫރުވެފައެވެ. އެ ފޮޓޯއިން ފެންނަނީ ޔޫރަޕްގެ ތިން ތަށީގެ ޓެޓޫއެއް މޮރީނިއޯގެ އަތަށް ޖަހާފައިވާ މަންޒަރެވެ.

ޑިބާލާ ރޯމާއަށް ގެންދަން އެންމެ މުހިންމު ރޯލެއް އަދާކޮށްފައި ވަނީ މޮރީނިއޯއެވެ. ހާއްސަކޮށް މޮރީނިއޯގެ ސީދާ ކޯލުތަކެއް ޑިބާލާއަށް ކުރި ކަމަށް އިޓަލީގެ ނޫސްތަކުން ބުނެއެވެ. އަދި ރޯމާގެ އެންމެ ލެޖެންޑަރީ ޖާޒީ ނަންބަރު، 10 ޑިބާލާއަށް ދޭން ކްލަބުން އެއްބަސްވެފައިވާ ކަމަށްވެސް ވެއެވެ.

ރޯމާގެ 10 ނަންބަރު ޖާޒީ އެންމެފަހުން ލާފައި ވަނީ ކްލަބު ލެޖެންޑް ފްރެންޗެސްކޯ ޓޮޓީއެވެ. ޓޮޓީއަށްފަހު އެ ޖާޒީ ލާނެ ފުރަތަމަ ކުޅުންތެރިޔަކަށް ވާނީ ޑިބާލާއެވެ.