ގިނަ އަދަދެއްގެ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރީގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އަލަމްގީރް ހައްޔަރުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި މާފަންނު ގެސްޓްހައުސަކުންނެވެ. ފުރަތަމަ އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އެ ފަސް ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ޖަަހައިފައެވެ.

އަލަމްގިރީގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އަދި މީގެ ކުރިން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.

މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.