ނެދަލޭންޑްސްގެ ވަރުގަދަ ޑިފެންޑަރު މެތިއަސް ޑި ލިގްޓް ހޯދުމަށް ބަޔާން މިއުނިކުން ޔުވެންޓަސްއާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ބަޔާނުން ޑި ލިގްޓް ގެންދަން އެއްބަސްވެފައި ވަނީ ގާތްގަނޑަކަށް 80 މިލިއަން ޔޫރޯގެ އަގަކަށެވެ. މިދިޔަ ހަފުތާ އެއްކޮށް ބަޔާންއާއި ޔުވެންޓަސްއިން އެއްބަސްވުމަކަށް މަޝްވަރާތައް ކޮށްފައިވާ އިރު، އިއްޔެ ވަނީ އެކަށީގެންވާ އަގެއް ފައިނަލްކޮށް، ބިޑަކަށް ތައްޔާރުވެފައެވެ.
ބަޔާނުން މިފަހަރު ކުރަން ތައްޔާރުވަމުންދާ ބިޑް ޔުވެންޓަސްއިން ގަބޫލުކުރާނެ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ޑި ލިގްޓް ވަނީ ބަޔާންއަށް ދިއުމަށް ޕާސަނަލީވެސް އެއްބަސްވެފައެވެ. އޭނާއާއެކު ބަޔާނުން އެއްބަސްވުން އެކުލަވާލަން މަސައްކަތްކުރަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.
ކެރިއަރުގެ ޒުވާން ދުވަސްވަރުގައި އަޔެކްސްއާއެކު ވިދާލި މިހާރު އުމުރުން 22 އަހަރުގެ ޑިފެންޑަރު ޑި ލިގްޓް ޔުވެންޓަސްއަށް ބަދަލުވީ 2019 ވަނަ އަހަރެވެ. އަޔެކްސްގައި އޭނާ ދެއްކި ވަރުގަދަ ފޯމު ޔުވެންޓަސްގައި ނުދެއްކުނު ނަމަވެސް އަދިވެސް ޑި ލިގްޓަކީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ޑިފެންޑަރެވެ. ހާއްސަކޮށް އޭނާގެ އުމުރަށް ބަލައި ޑި ލިގްޓް ގެންދަން ގިނަ ކްލަބުތަކަކުން މަސައްކަތްކުރެއެވެ.
މިފަހަރުގެ ޓްރާންސްފާ ސީޒަނުގައި ޗެލްސީންވެސް ވަނީ ޑި ލިގްޓް ގެންދަން މަސައްކަތްތަކެއް ކޮށްފައެވެ. ބެލެވޭ ގޮތުގައި ޗެލްސީން ޑި ލިގްޓް ގެންދަން ފަހުން މަސައްކަތް ކުރީ ޔުވެންޓަސްއިން ކީ އަގު ބޮޑުވުމުންނެވެ. ޑި ލިގްޓްގެ ބަދަލުގައި ޗެލްސީން ފުރަތަމަ ގެންދިޔަ ޑިފެންޑަރަކީ ސެނެގާލްގެ ކަލިދޫ ކުލިބާލީއެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް