މަސްވެރިކަން ކުރުމަށް ދޯންޏެއް ބަނުމުގެ މަސައްކަތް ގދ. ގައްދޫ، ރޯޒުގޭ އަބްދުﷲ ވަހީދު އިސްވެ ހުރެ، އޭނާގެ ޅިޔަނެއް ކަމަށްވާ އެރަށު އަބްދުލް ލަތީފާއި ގުޅިގެން ފެށީ މީގެ އަށެއްކަ އަހަރު ކުރީންނެވެ. ވަހީދުގެ ދަރީންނަށް ލިބޭ ފައިސާއިން ދޯނީގެ ތަންކޮޅުކޮޅު ހަދަމުން އައިސް ދޯނި އެއްކޮށް ނިމެން ކައިރިވެފައި ވަނިކޮށް އެ ދޯނީގައި މިވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގައި 83 ފޫޓުގެ ދޯނީގެ 50 ޕަސަންޓް ވަނީ އަނދައި އަޅިއަށް ވެފައެވެ. މިއީ މަސްވެރިކަން ކުރުމަށް އަމިއްލަ ދޯންޏެއް ބަނދެ ނިންމައިލުމުގެ ހުވަފެން ދެކެމުން އައި ވަހީދަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. އެއީ، ދޯންޏަކީ އަދި ހަދަމުން އަންނަ ދޯންޏަކަށް ވުމުން
"އިންޝުއާ" ކޮށްފައިވާ ދޯންޏަކަށްވެސް ނުވުމުންނެވެ.
ދޯނީގަައި އަލިފާން ރޯވި، ސީދާ ސަބަބު އަދި ނޭނގޭއިރު، ވަހީދު ބުނި ގޮތުގައި އެއީ ކަރަންޓް ޝޯޓެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ބެލެވެއެވެ. އަދި އަލިފާން ރޯވިއިރު، އެ ދޯނީގައި މަސައްކަތުގައި އުޅޭނީ ބިދޭސީއެއް އެކަނި ކަމަށްވެސް ބުންޏެވެ.
"ދޯނީގެ މަސައްކަތެއް ކުރުމަށްފަހު އަޅުގަނޑުމެން ދެމީހުން އައީ މެންދުރުގެ ކެއުމަށް ގެެއަށް. ދެން ގޭތެރޭގެ މަސައްކަތެއްގައި ފަހުން މިއުޅުނީ. އެއިރު ދޯނީގައި އުޅޭނީ ދޯނީގެ މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ބިދޭސީ މީހާ އެކަނި. އޭނާވެސް ހުރީ ދޯނީގެ އެންމެ ތިރީ ޑެގުގައި، ރެސިނުގެ މަސައްކަތެއް ކުރަން ގްލޯވަރު ޖައްސައިގެން. އެހެންވެ ވަރަށް އަޑުވެސް އަދި ވަސްވެސް ހުންނާނެ. އަލިފާން ރޯވީ ދޯނީގެ ދެވަނަ ބުރީގައި" އަލިފާން ރޯވިއިރު ކަންކަންވެގެން ދިޔަގޮތް ކިޔައިދެމުން ވަހީދު ބުންޏެވެ.
ވަހީދު ބުނި ގޮތުގައި، ރޯވި އަލިފާންގަނޑު ފުރަތަމަ ފެނުނީ ބިދޭސީ މީހާއަކަށް ނޫނެވެ. އެ މަންޒަރު ފުރަތަމަ ފެނުނީ ތަންކޮޅެއް ދުރުން އައި ބަޔަކަށެވެ އެމީހުންނަށް އެ މަންޒަރު ފެނުމުން ވަގުތުން ކައުންސިލްގެ އިދާރާއަށް އަންގައި، އާއްމު ރައްޔިތުން އެތަނަށް ޖަމާވިއެވެ. ދޯނީގައި ރޯވިކަން ވަހީދަށް އެނގުނީ، ގޭތެރޭގެ މަސައްކަތަށް ފަހު ދޯނި ކައިރިއަށް ދިޔަ މަގުމަތީގައި ކައުންސިލްގައި އޮތް ފެން ޖަހާ ޕަމްޕު ބަލައި ދިޔަ މީހުން އެ ވާހަކަ އޭނާ ގާތު ބުނުމުންނެވެ.
"މިއީ ފަޔާ ސްޓޭޝަނެއްވެސް ހުރި ރަށެއް ނޫން. އަޅުގަނޑުމެންގެ. ނަސީބު އެއީ ކައުންސިލްގައި އެ ފެންވަރުގެ ދެކޮޅުން ނެގޭ ޕަމްޕެއް ހުރިކަން. ވަރަށް ޕްރެޝަރުގައި ފެން ޖަހާލެވޭނެ. ދެން ރަށުގައި އުޅޭ ޕޮލިހުންނާއި އާއްމު ރައްޔިތުން ގުޅިގެން ވަރަށް އަަވަހަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ. އަސްލު މިވަރަށް ހުޅު ހިފާފައި ހުރި ދޯންޏެއްގައި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަކީ ވަރަށް ނާދިރު ކަމެއް" ރަށުގެ އުތުރު ފަރާތުގައި މީހުން ދިރިއުޅޭ ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ވަހީދު ބުންޏެވެ.
ވަހީދު ބުނި ގޮތުގައި، އަމާޒު ހިފީ މިއަހަރުގެ ނިޔަލަށް ދޯނީގެ މަސައްކަތް ނިންމައި ދޯނި ބޭލުމަށެވެ. ލޯނެއް ނުނަގައި ވަހީދުގެ ހަ ދަރީންނަށް ލިބޭ އެއްޗަކުން ދޯނީގެ ކަންކަން ކުރަމުން އައިއިރު، މިހާތަނަށް ދޯންޏަށް ހަތަރު ވަރަކަށް މިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ދުވަސްވީ މަސައްކަތެއް ކަމުން ސީދާ އަދަދު ވަހީދަކަށް ނޭނގެއެވެ.
ވަހީދަކީ، މީގެ ކުރިން ކިއްސަރު ވަޑާން ކުރި މީހެކެވެ. ނަމަވެސް ދޯނި ބަންނަން ފެށުމުން ދޯނީގެ މަސައްކަތަށް އޭނާ މުޅިން ހުސްވިއެވެ. އަމިއްލަ ފަރުމާއަކަށް އަމިއްލައަށް ދޯނީގެ މަސައްކަތްތައް ކުރަމުން އައިސް، ހުވަފެނުގައި ކުލަޖެހެން ކައިރިވެފައިވަނިކޮށް އެ ހުވަަފެން މިވަނީ "އަޅިއަށް" ވެފައެވެ. ދޯނީގެ އެންމެ މަތިން ރޯވި ހުޅުގަނޑު މުޅި ދޯންޏަށް ފެތުރި ދޯނީގެ ބޮޑުބައި އަނދައި އަޅިއަށްވިއިރު، މިއީ ވަހީދުގެ އިތުރުން އޭނާގެ މުޅި އާއިލާއަށްވެސް ލިބުނު ފުން ހިތާމައެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް