މިނީ ބަހުގެ ހިދުމަތައް ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕޮރްގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިނީ ބަހުގެ ހިދުމަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މިނީ ބަހުގެ ހިދުމަތް މާލޭގައި ދިނުމަށް ހަމަޖައްސައި ބަސް ޑްރައިވަރުން ހޯދައި އެމްޓީސީސީން އެކަން ކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ، މިނީ ބަހުގެ ހިދުމަތައް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ރައީސް އޮފީހުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އެެހެން އިދާރާތަކުން ވެސް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.
މާލެއަކީ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށްވުމުން މިނީ ބަހުގެ ހިދުމަތާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ސިޓީ ކައުންސިލުން ޖަވާބު ނުދެއްވާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ މި ސިޓީ ކައުންސިލަކީ މާލެ ސިޓީއާ ހަވާލުވެފައިވާ ފަރާތަށްވާއިރު އެފަރާތުން އަޅުގަނޑުމެން ފޮނުވާ އެއްވެސް ސިޓީއަކަށް މިހާތަނަށް ޖަވާބު އަޅުގަނޑުމެންނަކަށް ލިބިފައެއް ނެތް. އެހެންވެ މިކަމާ ހެދި ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. މި މާލެއަށް ބޭނުންވެފައިވާ މިނީ ބަހުގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށްޓަކާ ވަރަށް ބޮޑެތި ދަތިތަކެއް މިހާރު ހުރީ. އެގޮތުގެ މަތިން އަޅުގަނޑުމެން އެތައް ސިޓީއެއް ފޮނުވައިގެން ޖަވާބު ނުދެއްވާ އަދި މާލޭ މަގުތަކުން ޓްރެފިކް ރަނގަޅުކުރުމަށްޓަކާ ބޭނުންވާ މި ޕާކިން އެއްޗެހި ރަނގަޅު ކުރުމަށްޓަކާ އެކަމަށް އަޅުގަނޑުމެންނަށް އެހީތެރިކަމެއް ނުލިބޭ. އަދި ހަމައެއާއެކު އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ބަސް ސްޓޮޕްތައް ކޮންތާކުތޯ ބަސް ހުއްޓަނީ އެއީ ރައްޔިތުންނަށް އެނގެން އެބަޖެހޭ ކޮންތާކުތޯ ބަސް ހުއްޓަނީ އެކަމަށް ވެސް ތަންތަން ހޯދުމަށް އަޅުގަނޑުމެން ސިޓީތައް ފޮނުވީ އެއަކަށް ޖަވާބެއް ނުލިބޭ. އަދި ބަސް ހުއްޓަން ވަކިތަންތަން ހެދޭނެ ތަންތަންވެސް ބޭނުންވޭ ސްޕޭސް ބޭނުންވޭ ކުރެހިފަ ހުންނަން ޖެހޭ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ސަރުކާރުން ކުރަނީ ރައްޔިތުން ބޭނުންވާ ކަންކަންކަމަށާއި އެެހެންކަމުން މިނީ ބަހުގެ ހިދުމަތް ފެށުމަށް ސިޓީ ކައުންސިލްގެ ފަރާތުން އެއްބާރުލުންދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަނީ މާލެއަކީ ހިތްފަސޭހަތަނަކައް ހެދުމަށް ކަމަށާއި އެކަން ކުރެވޭނީ މާލޭގެ މަގުތަކާއި ހަވާލުވެ ތިބި ފަރާތްތަކުން އެއްބާރުން ލިބިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި ހުރިހާ އެއްބާރުލެއްވުމެއް ސިޓީ ކައުންސިލްގެ ފަރާތުން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.
"ރައްޔިތުންގެ ފައިސާއިން ބަސްތައް ގެނެސްގެން ރައްޔިތުންނަށް ހިދުމަތްތަކެއް ދޭން އުޅެނިކޮށް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ރައްޔިތުންނަށް ހިދުމަތްދޭން ތިބި މީހުން ރައްޔިތުންނަށް ބޮޑު ހިދުމަތެއް، މާލޭ ރައްޔިތުން ނުހަނު ބޭނުންވެގެން އަބަދު އަބަދު ބޭނުންވެފައި އޮތް ކަމެއް އިމްޕިލިމެންޓްކުރަން މަސައްކަތްކުރާއިރު އެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ނުލިބުމަކީ އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން" އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމުން އެތަކެއް ރައްޔިތުން ދަތުރުތަކަށްކުރާ ހަރަދު ސަލާމަތްވާނެ ކަމަށާއި، މިނީ ބަހުގެ އަގު ކަނޑައަޅާނީ ރައްޔިތުންނަށް ވަރަށް ލުއިވާގޮތަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެ އަގުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުން އަބަދު ސޯޝަލް މީޑިއާގައި އެދެމުން އަންނަނީ މިނީ ބަހުގެ ހިދުމަތް ވީހާވެސް އަވަހަކަށް ފަށަން ކަމަށާއި، މިހާރު ހުރީ ބަސްތައް ގެނެސްފައިވާ ކަމަށާއި، ބަސް މެއިންޓެނެންސް ކުރާނެ މީހުން ތަމްރީނުކުރެވި، ސަރުކާރުން ބަސްތައް ޕާކުކުރާނެ ތަނެއްވެސް އެމްޓީސީސީއަށް ދީފައިވާ ކަމަށެވެ. މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވަނީ ބަސް ސްޓޮޕް ހަދާނެ ތަންތަން ހަމަނުޖެހިގެން ކަމަށާއި، އެކަން ކުރެވޭނީ ސިޓީ ކައުންސިލަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ބަހަކަށް އެރޭނެ 20 ނޫނީ 25 މީހުންނަށް އިށީނދެލައިގެން ތިބެވޭ ބަސް މި ހުންނަނީ. އާދައިގެ ސައިޒުތަކުގެ ބަސްތައް އަޅުގަނޑުމެން މިގެނައީ. އެހެންވީމާ 22 މީހުންނަށް އެރެންޏާމުން އެއީ 11 ސައިކަލު އެންމެ މަދުވެގެން އެބަނެގޭ، އަދި 22 މީހުން ދަތުރުކުރަންޏާ ކާރެއްގައި ދާނަމަ ގާތްގަނޑަކަށް އެއީ ހައެއްކަ ނުވަތަ ހަތެއްކަ ކާރު، މަގުމަތިން އަޅުގަނޑުމެންނަށް އެބަ މަދުކޮށްލެވޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު ރާވާފަ މިއޮތް ގޮތަކީ ކޮންމެ 10 މިނިޓަކުން ބަސް ސްޓޮޕުގަ ބަސް އޮންނާނޭ. އެހެންވެއްޖިއްޔާ ރައްޔިތުން ތަންތަނަށްދާން ގަޑިލައިފައި ނުކުމެއްޖެނަމަ އެބޭފުޅުން ގަޑިތަކަށް ތަންތަނަށް އަވަހަށް ދެވޭނެ. ހިތްފަސޭހަކޮށް ދެވޭނެ. އެއާކޮންޑިޝަން އެންމެ ޒަމާނީ ފެންވަރުގެ ބަސްތައް މިހުރީ ގެނެވިފަ. ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅަކުވެސް ވީލްޗެއާގަ ވެސް އަރުވާލެވޭ ފެންވަރު ބަސްތައް މިއީ. މާލޭގެ މަގުމައްޗަށް އަޅުގަނޑުމެން މިގޮތަށް ކަންތައްކުރީމަ އެތައް ބަޔަކު ސައިކަލު ނުދުއްވާ ފަރުޖެހޭނެ އެތައްބަޔަކަށް ކާރު ނުދުއްވާ ފަރުޖެހޭނެ، ޕްރައިވެޓް ކާރުވެސް ނުދުއްވާ. މިކަން ކާމިޔާބުކުރެވޭނީ ގުޅުންހުރި ހުރިހާ ބައެއްގެ އެއްބާރުލުން ލިބިގެން، ލިބިޖެއްޔާ އަޅުގަނޑު ގަބޫލުކުރަނީ ދާދި އަވަހަށް މާލޭގެ މިތޮއްޖެހުމުގެ ކަންކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެރަށްރަށަށް މިމަސް ތެރޭގައި ބަސްތައް ފޮނުވޭނެ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ފަރާތުން މިނީ ބަހުގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށާއި މިހާރު އެ ސިޓީތަކުގައި ބަސް ދުއްވާނެ މަގުތަކާއި ބަސް ސްޓޮޕު ހަދާނެ ތަންތަން ކަނޑައަޅައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު