ޚަބަރު

ގަމު ތުނޑީ އަވަށު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތުގެ 63 ޕަސެންޓު ނިމިއްޖެ

ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމާލައިފިއެވެ.

ގަމުގެ ތުނޑީ އަވަށުގެ ބަނދަަރު ތަރައްގީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ އެއްގަމު ތޮށިލުމަށް އިތުރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓްވެސް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމުލަ 24.71 މިލިއަން ރުފިޔާގެ މި މަޝްރޫއު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.