ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ، ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ހަފުތާގައި ކަމަށެވެ.
ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއީ އެގައުމުގެ ބައެއް މިނިސްޓަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިއާގެ އިންވެސްޓަރުންނާ ވެސް ރައީސް ސޯލިހު ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުންތަކުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާއި ވިޔާފާރީގެ ގޮތުން އިންޑިއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅުވެ، ރާއްޖެއަށް އިންޑިއާއިން ދެމުންގެންދާ އެހީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން އިންޑިއާއިން ވަނީ 1.4 ބިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް ދިނުމަށް ނިންމައިފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި 260 މިލިއަން ރުފިޔާ ދީފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި އިންޑިއާއިން ދަނީ މަޝްރޫއުތައް ހިންގަމުންނެވެ.
މީގެ އިތުރުން ތިލަމާލެ ބުރިޖުގެ މަސައްކަތަށް 400 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ދީފައިވާއިރު، 1،000 ސްކޯލާޝިޕް ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު