ތައިލެންޑްގައި މިހާރު ކުރިއަށްދާ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ތަރި، ފާތިމަތު ދީމާ އަލީ ހިމެނުނު ޕެއާ ޗެމްޕިއަންކަން ހޯދައިފިއެވެ.
ދިމާއާ އެއް ޕެއާއެއްގައި ހިމެނިގެން 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތައިލެންޑްގެ ކުޅުންތެރިޔާ ފަންގެވެ. ފަންގާއި ދީމާ މީގެ ކުރިން ވެސް އެކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ތައިލެންޑްގެ އެންމެ މަތީ ފަންތީގެ ކްލަބްތަކާއި ކުޅުންތެރިން ވާދަކުރާ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރު ކޮށްފައެވެ.
ދީމާއަކީ ރާއްޖޭގެ ޓޭބަލް ޓެނިހުގައި އެންމެ ވިދުން ގަދަ ތަރިއެވެ. އިތުރު ކާމިޔާބީތަކަށް ޓާގެޓްކޮށް، ދީމާ ތަމްރީނުތައް ހަދަމުން ދަނީ ތައިލެންޑްގައެވެ. ދީމާ ވަނީ މިދިޔަ މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ/ކެޑޭޓް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކައި، ކެޑޭޓް ކެޓަގަރީން ރިހި މެޑަލް ހޯދައިފައެވެ.
ތައިލެންޑް މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުގައިވެސް މިއަދު ދީމާގެ މެޗު އޮންނާނެއެވެ. މާދަމާ ދީމާ އަށް އޮތް މެޗަކީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިގެ ކުއާޓާ ފައިނަލެވެ.
ތައިލެންޑުގައި ކުރިން ބޭއްވި ހޯޕްސް މުބާރާތުންވެސް ރާއްޖެއަށް ދީމާ ރިހި މެޑަލް ހޯދައިދީފައިވާ އިރު، ސައުތު އޭޝިއަން ގޭމްސްއިންވެސް ދީމާ ވަނީ ރާއްޖެއަށް ފަހުރުވެރި ކާމިޔާބީތަކެއް ހޯދައިދީފައެވެ.
ދީމާ ވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ސިންގަލްސްގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގައި ވެސް އިންޑިއާގެ ކުޅުންތެރިއެއް އަތުން ބަލިވެ, ދީމާއަށް ލިބުނީ ރިހި މެޑައްޔެވެ.
މިދިޔަ އަހަރު ދީމާ ވަނީ އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ރޭންކުކޮށްފައެވެ. ދީމާ ވަނީ 15 އަހަރުން ދަށުގެ ރޭންކިންގެ އަށްވަނައަށް ޖެހިލައިފައެވެ. އެއީ ރާއްޖޭގެ ޓީޓީ ތާރީހަށް ބަލާއިރުވެސް ރޭންކިންގައި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.