ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓެއްގައި ދިވެހި އާއިލާއަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި އާއިލާއަކީ އައްޑު ސިޓީ ފޭދޫ އަށް ނިސްބަތްވާ އާއިލާއެކެވެ.

އައްޑޫ ސިޓީ މޭޔަރު ހަސަން ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ އިއްޔެ އިސްތަންބޫލްގައި ހިނގި ބަސް އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުންނަށް ކަމަށެވެ.

ނިޒާރު ވިދާޅުވީ މި ދަތުރުގައި ބައިވެރިވީ ދެމަފިރިއަކާއި އެ މީހުންގެ ދަރިފުޅާއި އާއިލާގެ މެމްބަރެއް ކަމަށެވެ.

މި އެކްސިޑެންޓުގައި ދެމަފިރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު އެކަކުގެ ކޮނޑުހުޅު ބިންދައިގެން ގޮސްފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ބާކީ ތިބި މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެކެއްގެ ދަތްދޮޅި ނެއްޓިފައިވާއިރު ބޮލަށްވެސް ކޮންމެވެސް ވަރަކަށް ޒަހަމްތަކެއް ލިބިފައިވެއެވެ. ނަމަވެސް ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް އެއްވެސް މީހަކަށް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވި އާއިލާ އަށް ގުޅަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ އާއިލާގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ތުރުކީ އަކީ މިހާރު ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދާ އެއް ގައުމެވެ.