އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދަތުރުކުރެއްވި އަސްކަރީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ދިންކަން ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާއްޖެއިން ފުރާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ ސަރުކާރުގެ އެދުމަށް ގޯތާބާޔަ އާއި އެ މަނިކުފާނުގެ އަނބިކަލުންނަށް ޓްރާންސިޓް ދަތުރެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވާނެ ކަމަށެވެ. އަދި މިހާރު ގޯތާބާޔަ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވިކަން އެގައުމުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮތަބަޔާ އެ ގައުމަށް އެތެރެވަފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމަނިކުފާނު އެގައުމުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި އެގައުމަކީ އެއްވެސް ފަރާތަކަށް ހިމާޔަތްދޭ ގައުމެއް ނޫން ކަމަށެވެ.

ގޮތަބަޔާ ވަނީ މިއަދު ސިންގަޕޫރަށް ވަޑައިގެން ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ނޫސްތަކުން މިއަދު ބުނީ މަގާމުން އިސްތިއުފާ ދެއްވައި އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައިވާ ކަމަށެވެ.

ގޮތަބަޔާ އިސްތިއުފާދެއްވިކަން ހާމަކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ހާލަތު ރަނގަޅުވެ، ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ގޮތަބަޔާ ލަންކާގައި ހުންނެވިނަމަ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެއީ ލަންކާގައި ހުންނެވި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ހާލަތުގައި ދިވެހި ސަރުކާރުން ނިންމީ ބުއްދިވެރި ނިންމުމެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ސަރުކާރަށް ތައުރީފް ކުރައްވައިފައެވެ.