ކ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ ކ. އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު 18:30 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާދީ އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވަންދިޔަ ފުލުހުންނަށްވެސް ވަނީ ހަމަލާދީފައެވެ. އަދި ބައެއް ފުލުހުންނަށްވެސް އަނިޔާވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ހަމަލާދިނުމުން އެމީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ފުލުހުންނަށާއި ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދިން މައްސަލަވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ އެރަށަށް އީދަށް ދިޔަ މީހެކެވެ. އަދި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ސަބަބުން އަނިޔާ ލިބި، އެރަށު ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފައެވެ.
ތުހުމަތު ކުރެވޭ މީހާއަށް އެރަށު ބަޔަކު ހަމަލާދީ ބަރަހަނާ ކޮށްފައިވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.