އަމިއްލަ ގައުމުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ، ޕްރައިވެޓް ޖެޓެއްގައި މިއަދު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ނަމަވެސް ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ގޮތަބަޔާ ރޭ ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ. ރިޕޯޓްތައް އެއިރު ބުނިގޮތުން ގޮތަބަޔާ ފުރާވަޑައިގަންނަވަން ހަމަޖެހިފައި އޮތީ ރޭ 11:25 ގައި ތާވަލުކޮށް އޮތް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުންނެވެ.
ނަމަވެސް އެ ފްލައިޓުގައި ގޮތަބަޔާ ފުރާވަޑައިނުގަންނަވާކަން ވަނީ އެނގިފައެވެ. ލަންކާގެ ޑެއިލީ މިރާ ނޫހުގައި ބުނެފައިވާ ގޮތުން, ގޮތަބަޔާ އެ ފްލައިޓުގައި ފުރާވަޑައިނުގެންނެވީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެންނެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ ގޯޓާބަޔަ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުންނާއެކު ޕްރައިވެޓް ޖެޓެއްގައި މިއަދު މެންދުރުގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް އަދިވެސް އެކަމެއް ނުކުރައްވައެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.
ގޮތަބަޔާ އަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށްބުނެ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން ވަނީ އިއްޔެ މުޒާހަރާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު