ނަޕޯލީގެ ސެނެގާލް ޑިފެންޑަރު ކަލިޑޫ ކުލިބާލީގެ ސޮއި ހޯދުމާ ގާތަށް ޗެލްސީން ޖެހިލައިފިއެވެ.

އިތުބާރުހުރި ނޫސްތަކުން ބުނެފައި ވަނީ ކުލިބާލީއާއެކު ޗެލްސީން ޕާސަނަލް ޓާމްސްއަށް އެއްބަސްވެފައިވާ ކަމަށާއި، މިހާރު ދެ ކްލަބުން މަޝްވަރާކޮށް ބިޑަކަށް ތައްޔާރުވެފައިވާ ކަމަށެވެ. ޗެލްސީން ފުރަތަމަ ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑަކަށް ނަޕޯލީން ނޫނެކޭ ބުނި ކަމަށްވެސް ނޫސްތަކުން ބުނެފައިވާ އިރު، ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗެލްސީން މިހާރު ތައްޔާރުވަމުން ދަނީ 40 މިލިއަން ޔޫރޯގެ ބިޑަކަށެވެ.

ޗެލްސީން މި ޓްރާންސްފާ ސީޒަނުގައި އެންމެ ބުރަކޮށް ކުރަމުންދާ މަސައްކަތަކީ ޑިފެންޑަރުން ހޯދުމުގެ މަސައްކަތެވެ. އެޓީމުގައި މިދިޔަ ދެތިން ސީޒަނުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ބައެއް ޑިފެންޑަރުން ކަމަށްވާ އަންދްރޭ ކްރިސްޓިއަންސަން އާއި އެންޓޯނިއޯ ރުޑިގާވެސް ކްލަބު ދޫކޮށް ސްޕެއިން ލީގަށް ބަދަލުވެފައިވާ އިރު، އެތަން ފޫބައްދަން ޗެލްސީއަށް ޑިފެންޑަރުން ހޯދަން ކޮންމެހެންވެސް ވަނީ މަޖުބޫރުވެފައެވެ.

އާ ވެރިންނާއެކު ޗެލްސީން ޓްރާންސްފާގެ ކަންކަން ކުރަމުން އަންނަ އިރު، މިހާތަނަށް އެ ކްލަބަށް ޔަގީންކަން ލިބިފައި އޮތީ ރަހީމް ސްޓާލިންގެ ޓްރާންސްފާއަށް އެކަންޏެވެ. އެހެންކަމުން އަދިވެސް މި ޓްރާންސްފާ ސީޒަނުގައި ޗެލްސީން ކުޅުންތެރިން ހޯދަން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

އުމުރުން 31 އަހަރުގެ ކުލިބާލީއަކީ ޔޫރަޕުގައި ކުޅެމުންދާ އެންމެ ވަރުގަދަ އެއް ޑިފެންޑަރެވެ. މީގެ ދެ ސީޒަނެއް ކުރިން ކުލިބާލީ ހޯދުމަށް ލިވަޕޫލާއި މެންޗެސްޓާ ސިޓީންވެސް މަސައްކަތް ކޮށްފައިވެއެވެ. އެއިރު ނަޕޯލީން ކުލިބާލީއަށް ކިޔާފައިވާ އަގަކީ 100 މިލިއަން ޔޫރޯއެވެ.