ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އެމްއެންޕީން ބުނީ، ލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލައިގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
އެމްއެންޕީގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމި އިރު، އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، ގޮތަބަޔާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމުގައި ދިވެހި ސަރުކާރުން އެހީވެފައި ވަނީ، ސަރުކާރުން ކުރާ އެހެން ކަންކަމެކޭ އެއްގޮތަށް ސިއްރިއްޔާތުގައި ކަމަށެވެ.
ރޭ މެންދަމުގެ ވަގުތެއްގައި އަސްކަރީ މަތިންދާބޯޓެއްގައި އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިންނާއެކު ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި އިރު، ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއެން އިން ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ.
ނަމަވެސް އެ ހުއްދަ ހޯއްދެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ކަމަށް ބުނެފައިވެއެވެ.
ގޮތަބަޔާގެ ދަތުރާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މީޑިއާތަކަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕްގައި، އެ މިނިސްޓްރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެ މައްސަލައިގައި ފޮރިން މިނިސްޓްރީން މި ވަގުތު ކޮމެންްޓް ނުކުރާނެ ކަމަށެވެ.
އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބައިވެރިވުން އޮތް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މީޑިއާތަކަށް ހާއްސަކޮށްފައިވާ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިން ސުވާލުކުރަން ފެށުމުން އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކަށް އެކަން އެނގިފައި ނތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު